އީރާނުގައި އަންނަ އަަހަރު އޮންނަ އޭޝިއާގެ އިންޑޯ މުބާރާތަށް ރާއްޖޭން ވާދަކުރާނެ އެތުލީޓުންގެ ގޮތުގައި ހަސަން ސާއިދާއި ފަސޫހާ އަހުމަދު ކަނޑައަޅައިފިއެވެ.
ތެހެރާންގައި އަންނަ ފެބްރުއަރީ މަހުގެ 17-19 އަށް ކުރިއަށްދާ 11 ވަނަ އޭޝިއަން އިންޑޯ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާނެ އެތުލީޓުން ކަނޑައަޅާފައިވަނީ މިދިޔަ ހަފުތާ ބަންދުގައި ނިންމާލި ފަސްވަނަ ގައުމީ ގްރޯން ޕްރީގެ ނަތީޖާތަކަށް ބަލައިގެންނެވެ.
ފަސޫހާ ގްރޯން ޕްރީގެ އެއްވަނަ ހޯދައި، އެންމެ މޮޅު އަންހެން އެތުލީޓްގެ މަގާމު ހޯދާފައިވާ އިރު، އޭނާ ވަނީ ގައުމީ ދެ ރެކޯޑެއްވެސް މުގުރާލައިފައެވެ. އޭނާ 800 މީޓަރު ދުވުމުގެ ރެކޯޑު މުގުރާލީ ދެ މިނެޓް، 19.73 ސިކުންތުން ރޭސް ނިންމައިގެންނެވެ. ފަސޫހާ ވަނީ މި އަހަރުގެ ހަތަރު މަސް ތެރޭ، ތިން ފަހަރަށް ރާއްޖޭގެ އަންހެނުންގެ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފައެވެ.
މިފަހަރުގެ ގްރޯން ޕްރީގައި ފަސޫހާ ވަނީ އަންހެނުންގެ 1500 މީޓަރު ދުވުމުގެ ރެކޯޑްވެސް މުގުރާލައިފައެވެ. ފަސޫހާ، ގްރޯން ޕްރީގެ 1500 މީޓަރު ރޭސް ނިންމައި، ގައުމީ ރެކޯޑް ހެދީ ފަސް މިނެޓް، 04.02 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ގްރޯން ޕްރީގެ ފިރިހެން ދެ ވަނަ އަށް ދިޔަ އެތުލީޓު، ސާއިދު ވަނީ 100 އާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. ފިރިހެނުންގެ 100 މީޓަރު ދުވުމުން ސާއިދު އެއްވަނަ ހޯދި ޓައިމިން އަކީ 10.73 ސިކުންތެވެ. އަދި 200 މީޓަރު ދުވުމުގެ ރޭހުގައި ސާއިދު އިވެންޓް ނިންމީ 22.04 ސިކުންތުންނެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ޑާކާ މެރަތަންގައި ވާދަކުރާ އެތުލީޓެއްގެ ގޮތުގައި މުހައްމަދު އިރުފާން ހަމަޖައްސައިފައެވެ. އޭނާގެ ކޯޗު އަދި މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ ރާއްޖޭގައި އެންމެ ގިނަ މެރަތަން ޖެހުމުގެ ރެކޯޑް އޮތް، ނަސްރުﷲ އަހުމަދު (ނަސްރު) އެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް