ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށަ އެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުއްމީދުތައް ހިމެނުމަށްޓަކައި "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު" ގެ ނަމުގައި ހާއްސަ ބޯޑެއް އުފެއްދުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިނިސްޓްރީ އޮފް އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ފަރާތުން އެކަމާ ބެހޭގޮތުން ހުށަހެޅި ކަރުދާހަކަށް އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެ މަޝްވަރާތަކަށްފަހު، ކެބިނެޓުން އެރުވި ލަފާފުޅާއެކު "ޕްރެސިޑެންޝިއަލް ޔޫތު އެޑްވައިޒަރީ ބޯޑު" ގެ ނަމުގައި 15 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑަށް އުފައްދަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުން ހިމަނައިގެން އެކުލަވާލަން ހަމަޖެހިފައިވާ މި ބޯޑުގައި ގައުމީ ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނާއި ދިވެހި އެތުލީޓުންނާއި ޒުވާނުންނަށް ހިދުމަށް ކުރުމަށް އުފައްދާފައިވާ ޖަމްއިއްޔާތަކުން ވަކި އަދަދަކަށް މެންބަރުންނާއި ފަންނުތަކާއި ފަންނުވެރިންގެ ތެރެއިން ޒުވާނުންނާއި ސާނަވީ ސްކޫލްތަކުން ހޮވާލެވޭ މެންބަރުން ހިމެނޭނެ ކަމަށެވެ.
ކޮންމެ ތިން މަހުން އެއްމަހު، އެ ބޯޑުގެ ޗެއާކަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެނޫން ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަކި މެންބަރެއް ކަަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު