އަންނަ މާޗް މަހު ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ސަރުކާރުން މިއަދު އިއުލާނުކޮށްފިއެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އިއްޔެ އޮތް ކެބިނެޓް ބައްދަލްވުމުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް އެއާ އެމްބިއުލާންސް ހޯދުމަށާއި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އަންނަ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ނިންމާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އެގޮތުން ދެ އެއާ އެމްބައުލާން ހޯދުމަށް ނިންމާފައިވާ ކަމަށާއި އެކަން ކުރިއަށް ގެންދާނީ މޯލްޑިވިއަންއާ ގުޅިގެން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ އެކަން ރެގިއުލޭޓް ކުރާނީ މިހާރު ވެސް އެކަމަށްޓަކައި އުފައްދާފައިވާ ހާއްސަ އިދާރާއިން ކަމަށް ވިދާޅުވެފައެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކެމްޕޭން ތެރޭގައި ރައީސް ވަނީ ސީޕްލޭންގެ އެއާޕްލޭނެއް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އެކަތީގައި ފުރޮޅުލައި، އޭގެ އެއް ބޯޓް، ފުލީ އިކުއިޕްޓް އެއާ އެމްބައުލޭންސްއަކަށް ބަދަލުކޮށް އުދުއްސަން ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

އެ ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުވެއްޖެ ނަމަ، އޭގެ އިތުރު ބޯޓުތައް ގެނެސް، އެއާ އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ހުރިހާ އެއާޕޯޓަކަށްވެސް ފަސޭހަވެ، ބަލި މީހުން އެއްތަނުން އަނެއް ތަނަށް އަވަހަށް އުފުލޭނެ ކަމަށާއި އެއީ ރައްޔިތުންނަށް ލިބޭނެ އުފަލަކަށްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.