ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އެސިސްޓަންޓް ކޮމިޝަނަރު އަލީ ޝުޖާއު، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަގާމަށް އައްޔަނުކުރި ކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝުޖާއުއާ ހަވާލުކުރައްވައިފައެވެ.
ފޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމުން ދެބޭފުޅަކު އެމަގާމަށް ކުރިމަތި ލެއްވިއެވެ. އެއީ އަލީ ޝުޖާއުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ. ދެބޭފުޅުންގެ ނަން ޕޮލިސް ބޯޑުން ދިރާސާކުރި އިރު، ބޯޑުން އެކުލަވާލާފައިވާ ކްރައިޓީރިއާ އަށް ނަވީންގެ ޝަރުތު ހަމައެއް ނުވިއެވެ. އެހެންވެ، އެމަގާމަށް ޝުޖާއު އައްޔަން ކުރަން ޕޮލިސް ބޯޑުން، ހޯމް މިނިސްޓަރު އަލީ އިހުސާނަށް ލަފާދިނެވެ.
ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ މީގެ 26 އަހަރު ކުރިން ޑިސެމްބަރު, 1997 ގައެވެ.
އެސިސްޓަންޓް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޝުޖާއު ހުންނެވީ ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައެވެ.
ޝުޖާއު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް މެނޭޖްމަންޓް ހާސިލުކުރައްވައިފައެވެ. އަދި ޝުޖާއު އަކީ އެމެރިކާގެ ޔުނިވަސިޓީ އޮފް ވަޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގުރެޖުއޭޓެކެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލުވެ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމާ ގުޅިގެން އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު މިދިޔަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު