ހުކުރުން ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ ގައުމީ ގްރޯން ޕްރީ 2023 ގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އާއި ފަސޫހާ އަހުމަދު ހޯދައިފިއެވެ.

ފަޒީލް އާއި ފަސޫހާވެސް މިފަހަރުގެ ގްރޯން ޕްރީގައި ގައުމީ ރެކޯޑުތައް މުގުރާލާފައިވާ އިރު، ފަސޫހާ މުގުރާލީ އަންހެން 1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑެވެ. ފަޒީލް ވަނީ އިއްޔެ، ފިރިހެނުންގެ 3000 މީޓަރު ރޭހުން ގައުމީ ރެކޯޑް މުގުރާލައިފައެވެ. ފަޒީލް، މިދިޔަ އަހަރުގެ ގްރޯން ޕްރީގެ މޮޅު އެތުލީޓުގެ މަގާމު ހޯދީވެސް ގައުމީ ރެކޯޑަކާ އެކުއެވެ.

ރެކޯޑު މުގުރާލި އިވެންޓްގެ އިތުރުން ފަޒީލް ވަނީ ފިރިހެނުންގެ 1500 މީޓަރު ދުވުމުގައި އެއް ވަނަވެސް ހޯދައިފައެވެ. އެ އިވެންޓްގެ ފަޒީލްގެ ޓައިމިންއަކީ ހަތަރު މިނެޓް، 9.99 ސިކުންތެވެ. ފަޒީލް 3000 މީޓަރު ދުވުމުން ގައުމީ ރެކޯޑް މުގުރާލީ އަށް މިނެޓް 55.87 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަސޫހާ ވަނީ ރެކޯޑު ހެދި އިވެންޓްގެ އިތުރުން 800 މީޓަރު ދުވުމުން އެއްވަނަ ހޯދައިފައެވެ. އޭނާ އެ ރޭސް ނިންމީ ދެ މިނެޓް 19.73 ސިކުންތުންނެވެ.

މިފަހަރުގެ ގްރޯން ޕްރީގައިވެސް އިއްޔެ، ހަސަން ސާއިދުގެ ވިދުން ގަދައެވެ. އޭނާ ވަނީ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ އިތުރުން 200 މީޓަރުގެ ދުވުމުން ރަން މެޑަލް ހޯދައިފައެވެ. ދެވަނައަށް ދިޔަ އަންހެން އެތުލީޓް، އަހުނާ ނިޒާރުވެސް ވަނީ އަންހެނުންގެ 100 މީޓަރާއި 200 މީޓަރު ރޭސް ކާމިޔާބުކޮށްފައެވެ.