ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިހާރު ހަދަން ފަށާފައިވާ އަމީނީމަގުގެ ބައި ފުޅާވާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެވެ.

އަމީނީމަގުގެ ނުނިމި އޮތް ދެ ބައި ހެދުމުގެ މަސައްކަތް އާރުޑީސީން ފަށާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އެ މަސައްކަތުގެ ދަށުން އަމީނީމަގުގެ ސެގްމެންޓް 12 އަދި 13 ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެ މަސައްކަތާ ގުޅޭގޮތުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ އަމީނީމަގުގެ މިހާރު ހަދަމުންދާ ބަޔަކީ ބޮޑެތި ބަސް ދެކޮޅަށް ދުއްވާ ބަޔަކަށްވުމާއެކު މަގު ހެދިގެން ދަނީ އިތުރަށް ފުޅާކުރެވިގެން ކަމަށާއި ސްކޫލުތަކުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން ތާރުއަޅައި މަގު ބޭނުންކުރަން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އޭގެ އިތުރުން ވެސް އެކި ސަބަބުތަކާ ހެދި ހުއްޓިފައިވާ މަޝްރޫއުތައް ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ޕްލޭންގައި ހިމެނި ވަރަށް ބޮޑު އިސްކަމެއް ދެވިފައިވާ ކަމެއް ކަމަށާއި އެކަމުގައި އާރުޑީސީގެ މެނޭޖްމަންޓުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022 ގައެވެ. އެއީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 84.4 މިލިއަން ރުފިޔާއަށެވެ. އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަތް މަސް ދުވަސް ތެރޭގައި ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުނެވެ. އެހެންވެ ޕްލޭނިން މިނިސްޓްރީން ވަނީ މުއްދަތު އިތުރުކޮށްފައެވެ.

އެ މަސައްކަތުގެ ދަށުން އެ މަގު މިހާރު ވަނީ ޕްލޭނިން މިނިސްޓްރީއާ ހަމައަށް ތާރު އަޅައިގެން ތަރައްގީކޮށްފައެވެ.