މި އަހަރު އެންމެ ގިނަ ބަޔަކަށް ސިހުން ގެނުވީ، ނ. މަނަދޫގައި އެކަނި ގެއެއްގައި ދިރިއުޅެމުން އައި އުމުރުން ދުވަސްވީ، އަންހެނެއްގެ އަނިޔާވެރި މަރުގެ ހަބަރެވެ.

އަމިއްލަ ގޭގައި (އަންނާރުމާގޭގައި) އެކަނި ދިރިއުޅެމުންދިޔަ ނައިމާ މޫސާ 60އ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުގައި ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަން ވަނީ އެނގިފައެވެ.

ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި އެ ރަށުގެ ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ، އަހުޒަމް އަބްދުއްޝުކޫރު (23އ) އާއި ރިފާޝް އަބޫބަކުރު (21އ) ގެ އިތުރުން ހަސަން ފަވާޒު (21އ) އެވެ. އެ އެންމެންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ މީހުންގެ މައްޗަށް މިހާރު ވަނީ ދައުވާކުރަން ޕްރޮސިކުއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ގޮތުގައި ނައީމާ މަރާލުމަށް އެ ގެއަށް ވަދެފައި ވަނީ އަހުޒަމް އެވެ. ފާރައަށް ރިފާޝް ހުރި އިރު، އެ ދެ މީހުން އަރުވައިގެން ނައީމާ ގެއަށް ގެންގޮސްދިން ކާރު ދުއްވަން އިނީ ފަވާޒް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ނައީމާއަށް ހަމަލާދިނުމަށް އަހުޒަމް އެ ގެއަށް ވަނީ ހެޒްމެޓް ސޫޓެއް ލައިގެންނެވެ. އޭނާ ވަނީ ނައީމާ ގަޔަށް ވަޅި ހެރީ އޭނާ ކަމަށް އިއުތިރާފުވެސް ވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ވަނީ އަހުޒަމް ކުށަށް އިއުތިރާފުވެ، ކިޔައިންދިން މައުލޫމާތުގެ އަލީގައި ނައީމާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅި އާއި އެ މީހުން ލައިގެން ތިބި އަންނައުނު އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދައިފައެވެ. މީގެ އިތުރުން އެ މީހުން ދުއްވި ކާރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ނައީމާގެ މަރުގެ މައްސަލައިގައި މޯޓިވްއާ ގުޅޭ ގޮތުން ފުލުހުން އަދި މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މަނަދޫން "ވަން" އަށް މައުލޫމާތު ދިން މީހުން ބުނެފައިވަނީ އެ މަރަކީ ސިހުރާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. ނައިމާއަކީ ސިހުރު ހަދާ މީހެއް ކަމަށް އޭނާގެ އާއިލާއިންވެސް ތުހުމަތުކުރާ ކަމަށެވެ. ނައީމާއަކީ ތަނަވަސް މީހަކަށް ނުވާތީ ފައިސާގެ ބޭނުމުގައި މަރާލާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެފައިވެއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ވަނީ ކޮއްކޮއަކު އޭނާގެ ބޭބެއަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައެވެ. މި ހާދިސާގައި މަރުވެފައި ވަނީ ސ. މަރަދޫފޭދޫ، ބްލޫސްޓާ، އަހުމަދު ޝުއައިބް 27އ އެވެ. އޭނާ މަރުވީ، ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. އޭނާގެ މަރުގެ ތުހުމަތު ވަނީ އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ، ސ. މަރަދޫފޭދޫ، ބްލޫސްޓާ، ހުސައިން މަވާޒް 24އ އަށެވެ. އެއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައިކަމަށްވެއެވެ.

މަވާޒް އޭނާގެ ބޭބެއަށް ހަމަލާދިނީ ކަތުރަކުންނެވެ. އޭނާ ވަނީ ޝަރީއަތުގައި ކުށަށް އިިއުތިރާފުވެ ކަން ހިނގި ގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

އެގޮތުން ބޭބެއާ ދެމެދު ހިންގި މާރާމާރީއެއްގައި އޭނާ ބޭބެއަށް ހަމަލާދިނީ ތިން އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުން ކަމަށާއި ހަމަލާ އަމާޒުވީ ބޭބެގެ ވާއަތު ކަރާ ދިމާލުން ތިރިއަށް މެއަށް ކަމަށް ޝަރީއަތުގައި އޭނާ ބުނެފައިވެއެވެ.

މަވާޒް ބުނި ގޮތުގައި ބޭބެ މަރާލީ، ބޭބެގެ ފޯނު އޭނާ ވިއްކާލުމުން ދެބެންގެ މެދުގައި އުފެދުނު އަރައިރުމެއްގެ ތެރޭގައި ކަމަށެވެ. އަރައިރުމުގެ ތެރެއިން އޭނާގެ ބޭބެ، އޭނާ ފާރާ ދިމާލަށް ކޮށްޕާލި ކަމަށާއި އެ ވަގުތު އޭނާގެ ޖީބުގައި އޮތް ތިން އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުން އޭނާގެ ބޭބެއަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ހަމަލާ ދެވުނީ ނާޒުކު ގުނަވަނަކަށްކަން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.

މަވާޒް ބުނި ގޮތުގައި ބޭބެއަށް ހަމަލާދިން ވަގުތު އޭނާ ހުރީ މަސްތުގެ ހާލުގައެވެ. ބޭބެ މަރުވިކަން އެނގުނީ ޖެހިގެން އައި ދުވަހު ކަމަށްވެސް ބުނެފައިވެއެވެ.

މަވާޒްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ވަނީ 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވައިފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މާފަންނު ފިހާރައެއްގެ ތެރޭގައި ވަޅި ހަރައި ސ. ހިތަދޫ/ އިޒުމީރު، މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) މަރާލާފައި ވަނީ އެ ދުވަސްވަރު މާލޭގެ ދެ ގޭންގެއްގެ މެދުގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކުގަ އެވެ.

ނައުއްޓެއަށް ހަމަލާދީފައި ވަނީ 24 ފެބްރުއަރީ 2023 ވަނަ ދުވަހު 21:30 ހާއިރު ކ. މާލެ، މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސާ" ފިހާރަ ތެރޭގަ އެވެ. އޭނާ މަރުވެފައި ވަނީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ.

ނައުއްޓެގެ މަރުގެ މައްސަލައިގައި ވަނީ، ދެ މީހަކަށް ދައުވާކޮށްފައެވެ. އެއީ ސ. މަރަދޫފޭދޫ/ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށްވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުވާ ސާބިތުވެއްޖެ ނަމަ، އެ މީހުންގެ މައްޗަށް އަންނާނެ އަދަބަކީ މަރުގެ އަދަބެވެ. އެ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.