އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް މަސް ހިފަން މޫދަށް އެރި އުޅެނިކޮށް ގެއްލުނު ޒުވާނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގެއްލުނު ސ. މަރަދޫ، ކުރެދުމާގެ، މުހައްމަދު ނައީޝް (18އ) ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނާ ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މިއަދު "ވަން" އަށް ވިދާޅުވީ ކަނޑުމަގުންނާއި ވައިގެ މަގުން އެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.

ނަމަވެސް އަދިވެސް މަސައްކަތަށް ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި ނައީޝްއާ ގުޅުންހުރި އެއްޗެއްވެސް މިހާތަނަށް ފެނިފައިނުވާ ކަމަށް ވިދާޅުވިއެވެ.

ރޭ އެމްއެންޑީފްގެ އެކްސް އެކަރުންޓުގައޮ ކުރި ޕޯސްޓުތަކެއްގައި ބުނީ ނައީޝް ހޯދުމުގެ މަސައްކަތުގައި ސ. މަރަދޫ މަސްބޯޓަކުންވެސް ރޭ އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އަދި ވައިގެ މަގުންނާއި ޑައިވްކޮށްގެން ކަނޑުގެ އަޑީގެ ބޮޑު ސަރަހައްދެއްވެސް ބަލާފައިވާ ކަމަށް ބުންޏެވެ.

ނައީޝް ހޯދުމުގެ މަސައްކަތުގައި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފުން އެދިފައިވެއެވެ. އަދި އޭނާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހޮޓްލައިން 191 އަށް ނުވަތަ 3395981 އަދި 3398898 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފައިވެއެވެ.