ރޭ ސައުދީ އަރަބިއާގެ ޖިއްދާގައި ކުޅުނު ފީފާ ކްލަބު ވޯލްޑް ކަޕްގެ ފައިނަލްގައި ބްރެޒިލްގެ ފްލުމިނެންސް ބަލިކޮށް، މެންޗެސްޓާ ސިޓީން މިއަހަރުގެ ފަސްވަނަ ތަށި ހޯދައިފިއެވެ.
ރޭގެ މެޗު 4-0 އިން ސިޓީން ކާމިޔާބު ކޮށްފައިވާ އިރު، އެޓީމު ވެގެން ގޮސްފައި ވަނީ އެއް އަހަރު ތެރޭގައި ފަސް ތަށި ހޯދި ހަމައެކަނި އިނގިރޭސި ޓީމަށެވެ. ސިޓީން މިދިޔަ ސީޒަނުގައި ޓްރެބަލް ކާމިޔާބު ކޮށްފައިވާ އިރު، އޭގެ ފަހުން ޔޫއެފާ ސުޕަ ކަޕާއި ކްލަބު ވޯލްޑް ކަޕްވެސް ވަނީ ކާމިޔާބު ކޮށްފައެވެ.
ސިޓީގެ އިތުރުން ކްލަބު ވޯލްޑް ކަޕް އުފުލާލި ހަމައެކަނި އިނގިރޭސި ޓީމުތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލްގެ އިތުރުން ޗެލްސީއެވެ.
ރޭގެ މެޗުގެ ފުރަތަމަ މިނެޓް ތެރޭގައި ސިޓީން ވަނީ ފްލުމިނެންސް ކައިރިން ލީޑު ނަގައިފައެވެ. އެޓީމުގެ ގޯލު ޖެހީ ޖޫލިއަން އަލްވަރޭޒްއެވެ. ނެތަން އަކޭ ދުރުން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތުމުން އަލްވަރޭޒް ވަނީ މެއިން ޖައްސާ ބޯޅަ ގޯލަށް ވައްދާލައިފައެވެ.
އެ ގޯލަށް މާގިނައިރެއް ނުވެ، މެޗުގެ 27 ވަނަ މިނެޓުގައި ސިޓީން ނަތީޖާ ފުޅާކުރިއެވެ. އެ ގޯލަކީ ފިލް ފޮޑެން ހުރަސްކޮށްލި ބޯޅަ، މޮޓާ ފިލީނިއޯގެ ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ. ދެވަނަ ހާފަށް ނުކުމެވެސް މެޗު ޑޮމިނޭޓް ކުރަމުން ދިޔަ ސިޓީން އިތުރު ދެ ގޯލު ޖެހިއެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ޖެކް ގްރީލިޝްގެ ހުރަހަކުން ފޮޑެން ސިޓީގެ ތިންވަނަ ގޯލު ޖަހައިދިން އިރު، އެޓީމުގެ ފަހު ގޯލު ޖެހީ އަލްވަރޭޒެވެ.
މިއީ މިހާރު އޮތް ފޯމެޓަށް ކްލަބު ވޯލްޑް ކަޕް ބޭއްވި ފަހު ފަހަރެވެ. ކްލަބު ވޯލްޑް ކަޕަކީ ހަތަރު އަހަރުން އެއް އަހަރު ބާއްވާ ބޮޑު މުބާރާތަކަށް ހަދަން ފީފާއިން ވަނީ މިހާރު ނިންމައިފައެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ