(19 ޑިސެމްބަރުގެ އަދަދާ ގުޅޭ)
بِـــلال رضـــى اللّــــه عــنـــــه ރިވާކުރައްވައިފައިވެއެވެ. "މަދީނާގައި މުޝްރިކް މަހްޖަނަކު އުޅުނެވެ. އޭނާ އެއްދުވަހަކު އަހަންނާ ބައްދަލުކޮށްފައި ބުންޏެވެ. "އަހަރެންގެ އަތުގައި ވަރަށްގިނަ މުދާ ބާކީވެފައި އެބަހުއްޓެވެ. ބޭނުމެއްޖެހިއްޖެ ކަމުގައިވާނަމަ އަހަރެންގެ އަތުން މުދާ ގެންދާށެވެ. އަނބުރައި ދެއްކޭގޮތްވުމުން ދައްކައި ޚަލާޞްކުރަމުން ގެންދާށެވެ." بِـــلال رضـــى اللّــــه عــنـــــه އޭނާގެ ހުށަހެޅުން ޤަބޫލުކުރައްވައި އޭނާއާ ލޭންދޭން ކުރައްވާން ފެއްޓެވިއެވެ. އެގޮތަށް ކަންހިނގަމުންދާތާ ދުވަސްކޮޅެއްވީފަހުން އެއްދުވަހަކު އެއްކަލަ ވިޔަފާރިވެރިޔާ އަތުވެއްޖެއެވެ. އޭރު بِـــلال رضـــى اللّــــه عــنـــــه ވުޟޫކުރައްވައިގެން ބަންގިދެއްވާން ވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންނަވަނީއެވެ. އޭރު ނަމާދުވަގުތު ވާންވެސް ކައިރިވަނީއެވެ. ވިޔަފާރިވެރިޔާ އައީ އެހެން ވިޔަފާރިވެރީންތަކެއްވެސް ގޮވައިގެންނެވެ. އޭނާ އައިސް ނުހަނު ނާތަހްޒީބު ގޮތަކަށް ގޮވައިލިއެވެ. "އޭ ޙަބްޝީ ކަލޭގެއާއެވެ!" އަހަރެން އޭނާގެ ގާތަށް ދިޔައިރު ހުރީ ވަރަށް ދޮންބޮޑުވެފައެވެ. އަހަންނާ ދިމާޔަށް ހަޅޭއްލަވައިގެންފައި ހެއްދެވި ނެހެއްދެވިޔަށް ގޮވާންފަށައިފިއެވެ. އޭނާ އަހަންނަށް އިންޒާރު ކުރިއެވެ. "މަސް ނިމޭން އުޅެނީއެވެ. މަސް ހުސްވާއިރު އަހަރެންގެ ދަރަނި އަދާނުކޮށްފިކަމުގައިވާނަމަ އަހަރެން ކަލޭ އަޅުވެތިކުރާނަމެވެ. (އަޅަކަށް ހަދާނަމެވެ. އެއީ ޢަރަބީންގެ ޖާހިލިއްޔަތުގެ އޮންނަ އުސޫލެކެވެ.) ކަލޭގެޔަށް ހުންނާނީ ފިސާރިޔަކަށް އަޅުވެތިކަމުގެ ރަހަލައިފައެވެ. ކަލޭގެ ޙާލަކަށްވާނީ ކުރީގެ ޙާލެވެ."
بِـــلال رضـــى اللّــــه عــنـــــه ވިދާޅުވާގޮތުގައި އެކަލޭގެފާނުގެ ހިތްޕުޅަށް އެ ފަޟީޙަތުގެ ސަބަބުން ވަނީ ކޮންމެ މާތް މީހެއްގެ ހިތަށް އެފަދަ ކަމަކުން ކުރާނެ އަސަރު ކޮށްފައެވެ. بِـــلال رضـــى اللّــــه عــنـــــه އެރޭގެ ޢިޝާނަމާދުން ނިމިވަޑައިގެން ވަޑައިގެންނެވީ އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށެވެ. އެކަލޭގެފާނުގެ ހިތްޕުޅަށް ކޮށްފައިވާ އަސަރުގެ ވާހަކަ ދެންނެވުމަށްޓަކައެވެ. ދަރަނި އަދާކުރެއްވޭނެ މަތިވަރެއް އެވަގުތަށް ފެނިވަޑައިގެންފައިނުވާ ވާހަކަ ވިދާޅުވިއެވެ. އެއާއެކު އެކަމުގެ މަގެއް ފެންނާންދެން ފިލައިވަޑައިގަންނަވާން ގަސްދުކުރައްވާ ވާހަކައާއި އެފަދަގޮތެއް ފެނިވަޑައިގެންނެވުމާއެކު އަލުން ޚިދުމަތަށް ނުކުމެވަޑައިގަންނަވާނެ ވާހަކަ ދެންނެވިއެވެ. ނަމަވެސް بِـــلال رضـــى اللّــــه عــنـــــه އަށް އެކަލޭގެފާނުގެ ޚިޔާލުފުޅާ އެއްގޮތަށް ޢަމަލުކުރައްވާކަށެއް ފުރުޞަތެއް ލިބިވަޑައެއް ނުގެންނެވިއެވެ. އެރޭގެ ފަތިސްނަމާދުން ނިމިވަޑައިގެންނެވިތަނާ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަލޭގެފާނު ބަލައިފޮނުއްވައިފިއެވެ. بِـــلال ގެފާނު ވަޑައިގެންނެވުމުން ފެނިވަޑައިގެންނެވީ މުދާއަރުވައި ބަރުކޮށްފައިވާ ހަތަރު ޖަމަލެވެ. ފަދަކުގެ ޙާކިމު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް ފޮނުއްވި ވެދުމެކެވެ. بِـــلال رضـــى اللّــــه عــنـــــه އެކަލޭގެފާނު ދަރަނި ނަންގަވައިފައިވާ މަހްޖަން ބަލައިފޮނުއްވައިގެން ގެންނަވައި އޭނާގެ ދަރަނި ޚަލާޞްކުރެއްވިއެވެ. އެއަށްފަހު ބާކީހުރި ތަކެތި އާދަފުޅުގެމަތީން ޙައްޤުވެރީންގެ މެދުގައި ބައްސަވައި ހުސްކޮށްލެއްވިއެވެ.
އިސްލާމީ ތަޙްރީކުގެ މުޖާހިދެއްކަމުގައިވާ أبــــو حـــدرد أسـلــمـــى رضـــى اللّــــه عــنـــــه އެއްފަހަރަކު ޔަހޫދީއަކަށް ދަރާވަޑައިގެންނެވިއެވެ. އެ ދަރަންޏަކީ ދާދި ކުޑަކުޑަ ދަރަންޏެކެވެ. އެކަމަކު أبــــو حـــدرد رضـــى اللّــــه عــنـــــه އެކަލޭގެފާނުގެ ހާލުކޮޅު ބަޔާންކުރައްވައި ޔަހޫދީ މީހާގެ ކިބައިން މުހުލަތަކަށް އެދިވަޑައިގެންނެވިއެވެ. އެކަމަކު އެދަކު ޔަހޫދީކަލޭގެ ކުޑަވެސް މުހުލަތެއް ދޭކަށެއް އެއްބަހެއް ނުވިއެވެ. އޭނާ أبــــو حـــدرد رضـــى اللّــــه عــنـــــه ހައްޔަރުކޮށްގެން ގެންދިޔައީ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށެވެ. އޭނާ އިތުރު ސާހިބާގެ ހިރިޔާފާތުރާގެ ދަށަށް މައްސަލަ ހުށަހެޅިއެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، أبــــو حـــدرد އަށް ދަރަނި އަދާކުރައްވާން އެންގެވިއެވެ. أبــــو حـــدرد رضـــى اللّــــه عــنـــــه އެކަލޭގެފާނުގެ ހާލުކޮޅު ބަޔާންކުރައްވައި އެވަގުތު ދަރަނި އަދާކުރައްވާން އުޒުރުވެރިވެވަޑައިގެންނެވިއެވެ. އެފަދަ ޙާލަތްތަކަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މުސްލިމު މުޖާހިދުންގެ ދަރަނި އަދާކޮށްދެއްވާ ޙާލަތެކެވެ. ނަމަވެސް އިސްލާމީ ދައުލަތުގެ ޙާލަތު އެވަގުތު ހުރީ އެކަން ކުރައްވާން ފަހިވާގޮތަކަށެއް ނޫނެވެ. އެހެންކަމާއެކު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޔަހޫދީންގެ ޣައިރުއިންސާނީ ޒިހުނިއްޔަތަށް ވިސްނައިވަޑައިގެން ދަރަނި އަދާކުރައްވައި އެބަލާއިން މިންޖުވެވަޑައިގަންނަވާން އަމުރުކުރެއްވިއެވެ. أبــــو حـــدرد رضـــى اللّــــه عــنـــــه އަނެއްކާވެސް އުޒުރުވެރިވެވަޑައިގެން ވިދާޅުވިއެވެ. "ޚައިބަރު ހަނގުރާމަ މިއޮތީ ބޯމަތިވެފައެވެ. ފަހަރެއްގައި އަހަރެމެން ހަނގުރާމައިން އެނބުރި އަންނައިރު ދަރަނި އަދާކުރެވޭނެ ގޮތެއް ތަނަވަސްވެފައި އޮވެދާނެއެވެ." އެކަމަކުވެސް ޔަހޫދީކަލޭގެ އެގޮތް ޤަބޫލެއް ނުކުރިއެވެ. އޭނާ أبــــو حـــدرد رضـــى اللّــــه عــنـــــه އަނދެވަޑައިގެންހުންނެވި އިޒާރުކޮޅު ދަމައިގަތެވެ. أبــــو حـــدرد رضـــى اللّــــه عــنـــــه އަވަސްއަވަހަށް އެކަލޭގެފާނުގެ ފަގުޑިކޮޅު ނަންގަވައި އަނދެވަޑައިގެންނެވިއެވެ. ޔަހޫދީން ދަރަނި އަތުލުމުގައި ޢަމަލުކޮށްއުޅޭ އަނިޔާވެރިގޮތް ތަޞައްވުރަށް ގެންނަވާށެވެ. އެބައިމީހުން ދަރަނިވެރީންގެ އުނުފޭރާންވެސް ދަމައިނުގެން ދޫކޮށެއް ނުލައެވެ.
جـــابــــــر بـــن عـبــد اللّــــه رضـــــى اللّــــه عــنــــه އަކީ އިސްލާމީ ތަޙްރީކުގެ އިސްވާރުންކުރެ ދަރަޖަމަތިވެރި ބޭކަލެކެވެ. މަދީނާގެ އަހުލުވެރިޔެކެވެ. ތަނަވަސްކަމާއި ފޯރުންތެރިކަމުގެ ވެރިޔެކެވެ. އެކަމަކުވެސް ޙާލަތު ނިޔާކުރާގޮތުން ޔަހޫދީ މަހްޖަނެއްގެ އަތުން ބައެއްފަހަރު ދަރަންޏަށް އެއްޗެހި ނަންގަވާން މަޖްބޫރުވެވަޑައިގަންނަވައެވެ. އިއްތިފާޤުން އެއްއަހަރަކު މަދީނާގެ ކަދުރުދަނޑުތަކަކު ކަދުރެއް ނޭޅިއެވެ. އެކަމާހުރެ ކަނޑައެޅިފައިވާ ވަގުތަށް ދަރަނި އަދައެއް ނުކުރެއްވުނެވެ. ޔަހޫދީ މަހްޖަނާ ވަރަށްބޮޑަށް ވާހަކަ ދެއްކެވުމުންވެސް ދިނީ ވަރަށް ކުރުމުއްދަތެކެވެ. ދެން އަންނަ ކަދުރު މޫސުމާ ހަމަޔަށެވެ. އެކަމަކު ދިމާވި ނުރަނގަޅު އިއްތިފާޤަކުން އެ މޫސުމަކުވެސް ކަދުރުގެ ރަނގަޅު މަތިވަރެއް ނައެވެ. ޔަހޫދީ މަހްޖަނު އިތުރު އެންމެ ދުވަހެއްވެސް ދޭކަށެއް އެއްބަހެއް ނުވިއެވެ. جـــابــــــر رضـــــى اللّــــه عــنــــه އެހެން އެއްވެސްގޮތެއް ފެނިވަޑައިނުގެންނެވުމުން އެންމެފަހުން ވަޑައިގެންނެވީ އެކަލޭގެފާނުގެ ސާހިބާ އަދި މުރުޝިދު صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށެވެ. އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންފައިވާ އުނދަގޫ މައްސަލައިގެ ވާހަކަ ކަންފަތްޕުޅަށް އެރުއްވުމަށްޓަކައެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ އެކުވެރީންކުރެ ބައެއް ބޭކަލުން ގޮވައިގެން ޔަހޫދީ މަހްޖަނުގެ ގާތަށް ވަޑައިގެންނެވިއެވެ. جـــابــــــر رضـــــى اللّــــه عــنــــه އަށް މުހުލަތެއްދިނުން އެދިވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެކަމަކު އެ މުށްބާރު ޔަހޫދީކަލޭގެ ޤަބޫލެއް ނުކުރިއެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެއިން ނުކުމެވަޑައިގެން އެހިސާބުގަނޑުގައި އިރުކޮޅަކު ހިންގަވައިލެއްވުމަށްފަހު އަނެއްކާވެސް ވަޑައިގެންނެވީ ޔަހޫދީ މަހްޖަނުގެ ގެޔަށެވެ. އެކަލޭގެ އެފަހަރުވެސް ކުޑަވެސް ދުލެއް ނުދިނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެފަހަރު އެގެއިން ނުކުމެވަޑައިގެން ވަޑައިގެންނެވީ އިރުކޮޅަކު އަރާމުކޮށްލައްވާށެވެ. އިރުކޮޅަކު އަވަހާރަފުޅު ލެއްޕެވުމަށްފަހު ތެދުވެވަޑައިގެން އެކަލޭގެފާނުގެ އެކުވެރީންނާއެކު ތިންވަނަފަހަރަށްވެސް ޔަހޫދީ މަހްޖަނުގެ ގާތަށް ވަޑައިގެން ވާހަކަ ދެއްކެވިއެވެ. އެކަލޭގެ އެފަހަރުވެސް ކައުސާހިބާގެ އިލްތިމާސް ބަލައެއް ނުގަތެވެ.
އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެފަހަރު އެގެއިން ނުކުމެވަޑައިގެން جـــابــــــر بـــن عـبــد اللّــــه رضـــــى اللّــــه عــنــــه އަށް ޙަދީޘްކުރެއްވިއެވެ. ކަދުރު ބިންނާންދަމާ ހިންގަވާށެވެ. އިތުރު ސާހިބާ ވަޑައިގެން جـــابــــــر رضـــــى اللّــــه عــنــــه ގެ ކަދުރު ދަނޑުގެ މެދުގައި ހުއްޓިވަޑައިގެން جـــابــــــر ގެފާނަށް ވިދާޅުވިއެވެ. "ކަދުރު ބިންނުވާށެވެ!" جـــابــــــر ގެފާނު އެކަލޭގެފާނުގެ ޚާދިމުންނަށް އަންގަވައިލެއްވުމުން ޚާދިމުން ކަދުރު ބިންނާން ފަށައިގެންފިއެވެ. ކަދުރު ބިނދެ ނިމިއްޖެއެވެ. جـــابــــــر رضـــــى اللّــــه عــنــــه އުންމީދުވެސް ނުކުރައްވާހައި ގިނައިން ކަދުރު ބިނދެވިފައި ހުއްޓެވެ. ޔަހޫދީކަލޭގެ ދަރަނި އަދާކުރައްވައި ނިންމެވުމުންވެސް ވަރަށްގިނަ ޢަދަދެއްގެ ކަދުރު ބާކީވެފައި ހުއްޓެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ އަމިއްލަ ދަހަނާކޮޅު ޔަހޫދީއެއްގެ އަތުގައި ރަހުނުކުރެއްވިއެވެ. އެޔަހޫދީ މީހާގެ އަތުން ދަރަންޏެއް ނަންގަވާންވެގެންނެވެ. އިތުރު ސާހިބާ ސުވަރުގެ ވަޑައިގެންނެވިއިރުވެސް އެދަރަނި އަދާކުރައްވައި ދަހަނާކޮޅު އަނބުރާ އަތުލެއްވޭހައި ފައިސާ އެކެއް ނުކުރެއްވެއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ބަދަވީންގެ މީހެއްގެ އަތުން ދަރަންޏަށް އެއްޗެއް ނެންގެވިއެވެ. ބަދަވީންގެ މީހާ އެދަރަނި ޚަލާޞްކުރުވާން އައިސް ވާހަކަދެއްކީ ނުހަނު އަދަބު ކުޑަކޮށް ރުންކުރުކޮށެވެ. ބަދަވީންގެ ޚަޞީލަތާ އެއްގޮތަށެވެ. ޞަޙާބީންގެ ބޭކަލެއް ބަދަވީންގެ މީހާއަށް އޭނާ އެ ވާހަކަދައްކަނީ ކޮން މަޤާމެއްގައި ހުންނެވި ކޮން ޝަޚްޞިއްޔަތަކާކަން އިޙްސާސުކޮށްދެއްވާން އުޅުއްވިއެވެ. ބަދަވީންގެ މީހާ ޖަވާބު ދިނެވެ. "އަހަރެން މިއުޅެނީ އަހަރެންގެ ޙައްޤު ލިބިގަންނާށެވެ." އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ އެކުވެރީންނަށް ވިސްނައިދެއްވިއެވެ. "ތިޔަބޭކަލުންނަށް ޖެހިވަޑައިގަންނަވާނީ މީނާ ޙިމާޔަތް ކުރައްވާށެވެ. އެހެނީ އޭނާ ހޯދާން އެއުޅެނީ އޭނާގެ ޙައްޤެކެވެ." އެއަށްފަހު އޭނާގެ ހިސާބު ޚަލާޞްކުރައްވާން އެންގެވިއެވެ. އޭނާއަށް ޙައްޤު މިންވަރަށްވުރެވެސް ތަންކޮޅެއް އިތުރަށް ދޭން އެންގެވިއެވެ.
زيـــد بـــن سـعــنــــه رضـــــى اللّــــه عــنــــه ގެ ޝައުޤުވެރި ވާހަކައަކީވެސް އެދުވަސްވަރުގެ ޙާލަތުގެ މައްޗަށް އަލިއަޅުވައިދޭ ވާހަކައެކެވެ. زيـــد بـــن سـعــنــــه އަކީވެސް ޔަހޫދީންގެ އަފޫރުއްބަ ދަންނަބޭކަލެކެވެ. ޔަހޫދީ ބޮޑުންކުރެ މުއްސަނދި ބޭކަލެކެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ގެމަށްވޮޑިގެންނެވީއްސުރެ زيـــد ގެންދެވީ ކައުސާހިބާގެ ސިފަފުޅުތަކާއި ގޮތްކޮޅުތައް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ދިރާސާކުރައްވަމުންނެވެ. އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ނަބީކަމުގެ ދަޢުވާ ކަށަވަރު ކުރައްވަމުންނެވެ. ތަފާތު ޢަލާމަތްތަކުގެ އެހީގައެވެ.
زيـــد بـــن سـعــنــــه رضـــــى اللّــــه عــنــــه ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ މަޖިލީހެއްގައި އެއްދުވަހަކު އަހަރެން އިންދައި ބަދަވީއަކު އަތުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ޤައުމު އިސްލާމްވެއްޖެއެވެ. އެބައިމީހުންނަށް އިސްލާމްވާން ދަޢުވަތު ދިންއިރު އަޅުގަނޑު ބުނީމެވެ. ތިޔަބައިމީހުން އިސްލާމްވެއްޖެ ކަމުގައިވާނަމަ اللّــــه سبحـــانــــه وتــعــــالــــى ތިޔަބައިމީހުންގެ ރިޒުޤުވެސް ތަނަވަސްކޮށްދެއްވާނެއެވެ. އެކަމަކު ނަސީބު ދިމާކުރިގޮތުން ކަންވެފައިވަނީ އަޅުގަނޑު ބުނިގޮތުގެ އިދިކޮޅަށެވެ. މިއަހަރު ވެފައިވަނީ ތަދުމަޑުކަން ބޮޑު އަހަރެއްކަމުގައެވެ. އެބައިމީހުންނަށް އެހީ ފޯރުވައި ނުދެވިއްޖެކަމުގައިވާނަމަ އެބައިމީހުން އިސްލާމްދީން ދޫކޮށްލުމަކީ ދުރުކަމެއް ނޫނެވެ."
(ނުނިމޭ)
ދީން
ދީން
ދީން
ދީން