މާލޭގެ މަސް މާރުކޭޓު، ވަޅޯ މަސް މާރުކޭޓު ހުންނަ ސަރަހައްދަށް ބަދަލުކުރާނެ ކަމަށް އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމްގެ މެނިފެސްޓޯ "އެމްޑީޕީ ފެހި ތަނަވަސް މާލެ" ލޯންޗުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މާލޭގެ މަސް މާރުކޭޓަށް ހައްލެއް ނުލެބި ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ. މަސް މާރުކޭޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އެތަން ތަރައްގީކުރާނެ ކަމުގެ ވާހަކަ ދައްކާތާ އެތަކެއް އަހަރެއް ވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ހިޔާލަކަށް މި އަންނަނީ މިހާރު މާސް މާރުކޭޓު އިންތަން އަދި ކަމަކުނުދެއޭ. އެތަނުގަ އެ މަސް މާރުކޭޓު ހުރީހާ މުޅި ހިސާބުގެ އެބަ ހަޑިވެ، މުޑުދާރުވެ، އެ ކަންތައްތައް އެބަވޭ. އެ މުޅި މަގަށް ލޭ އެޅި ކަންތައްތައްވެ ހަޑިވަމުން މިދަނީ. އަޅުގަނޑުމެން މަސް މާރުކޭޓު ގެންދާނީ މަސް މާރުކޭޓުގެ ކުރިމަތީގަ އޮތް ވަޅޯ މަސް މާރުކޭޓަށް،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެއިރުން އެ ސަރަހައްދުގެ މަގުތަކުގައި ލޭ ނުހުންނާނެ ކަމަށެވެ. އަދި މަސް މާރުކޭޓް ހުންނަ ސަރަހައްދު ހިތް ފަސޭހަ ބަގީޗާއަކަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެތަނުގައި މަސްވެރިންނަށް ފެންވެރޭނެ އިންތިޒާމު ހުންނާނެ ކަމަށާއި އަދި ފާހާނާ ވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.
މާލޭގައި އުޅޭ މަސްވެރިންނާއި މާލެއަށް އަންނަ މަސްވެރިންނަށް ހިތްފަސޭހަކޮށް އުޅެވޭނެ ގޮތްތަކެއް ހަދައިދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މަސް ކަނޑާ މީހުންނަށް ވެސް އެފަދަ ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށާއި މިހާރު އެ މީހުން އުޅެނީ ވަރަށް ހާލުގައި ކަމަށެވެ.
މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންފި ނަމަ ދެ އަހަރާއި ބައިގެ ފަހުން، މަސް މާރުކޭޓު ހުންނަ މަގަކީ ސާފުތާހިރު، މަސް ލޭ އެޅިފައިނުވާ މަގަކަށް ހަދާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އޭގެ އިތުރުން މާލެއަށް ލަފާ މީހުންނަށާއި އެތަނުން ފުރާ މީހުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު