ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލާޝިޕް 2023ގެ ފަންޑު ލިބޭ ދަރިވަރުން މިއަދު ހޮވައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ ސްކޮލާޝިޕް ލިބުނު ދަރިވަރުންނަކީ އަމީނަތު އަލްޔާ ޝާވިން، މުހައްމަދު ޝާޖިއު އިސްމާއީލް އަދި މުހައްމަދު އައިކު އަލީ ކަމަށެވެ.
"މިއީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ. މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީން ބޭންކިން އެންޑް ފައިނޭންސް ރޮނގުން ބޭނުންވާ ކޮންމެ އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރެވޭނެ،" ބީއެމްއެލުން ބުންޏެވެ.
ސްކޮލާޝިޕަށް ހުޅުވާލާފައިވަނީ ބޭންކިން އެންޑް ފައިނޭންސް ދާއިރާއަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް ހާއްސަކޮށްގެން ކަމަށް ބީއެމްއެލުން ބުންޏެވެ. ސްކޮލާޝިޕު ލިބުނު ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސުން ފެށިގެން ފައިނޭންޝިއަލް ޓެކްނޮލޮޖީ، ރިސްކު މެނޭޖުމެންޓު ނުވަތަ ފައިނޭންޝަލް ރިޕޯޓިންއާއި އެނަލެޓިކްސް ފަދަ ބޭންކިންއާ ގުޅުންހުރި ދާއިރާތަކުގެ ތެރެއިން ގިނަ ދާއިރާތައް ހިމެނޭހެން ތައުލީމު ހާސިލުކުރުމަށް އެ ދަރިވަރަކު ބޭނުންވާ ދާއިރާއެއް ހިޔާރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވަނީ، ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް މަރުހަބާ ދަންނަވައިފައެވެ. ސްކޮލާޝިޕު ލިބުނު ދަރިވަރުންނަކީ ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދާފައިވާ، ލީޑާޝިޕް ހުނަރުތައް ހުރި، ކުރިމަގުގައި ހެޔޮ ބަދަލުތައް ދައްކުވައިދޭނެ ދަރިވަރުން ކަމަށް ކާލް ސްޓުމްކަ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު