ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ރިޕޯޓު ފޮތް ދީ، ސްކޫލުތައް ދެ ހަފުތާއެއްހާ ދުވަހަށް މިއަދު ބަންދުކޮށްފިއެވެ.

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ފެށީ މިދިޔަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުއެވެ.

މި އަހަރު ޖުމުލަ 84،200 ދަރިވަރުންނާއެކު ފުރަތަމަ ޓާމު ފެށި އިރު، އޭގެ ތެރޭގައި ސަރުކާރުގެ 216 ސްކޫލެއްގެ 73،078 ދަރިވަރުންނާއި އަމިއްލަ ސްކޫލުތަކުގެ 11،122 ދަރިވަރުން ހިމެނެއެވެ.

މި އަހަރު މުޅިން އަލަށް 7،000 އެއްހާ ދަރިވަރުން ސަރުކާރުގެ ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއަށް ވަދެގެން ގޮސްފައިވެއެވެ.

އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ޓާމު ޗުއްޓީއަށް ދަރިވަރުންނަށް 17 ދުވަސް ލިބެއެވެ. ޗުއްޓީ ނިންމައި ދަރިވަރުންގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށުމުން ދެން ކޮންމެ ދުވަހެއްގެ އެސެމްބްލީ ފެށޭނީ ގައުމީ ސަލާމުން ކަމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

މި ހިނގާ ދިރާސީ އަހަރު ނިމުމުން، 2025ގެ ދިރާސީ އާ އަހަރު، އެ އަހަރުގެ ޖެނުއަރީގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް އެކަމަށް އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.