ރާއްޖޭގެ ރައްޔިތުންނަށް ސީދާ އެ މަނިކުފާނާ ސުވާލު ކުރެވޭނެ ހާއްސަ ޕޯޓަލެއް، ރައީސް އޮފީހުގައި ވެބްސައިޓުގައި ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ކަންގަލިކޮލި 2023 އެވޯޑު ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. އަދި ސަރުކާރުގެ ވަޒީރުން ވެސް މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މީގެ އިތުރަށް ދިވެހި ކޮންމެ ރައްޔިތަކަށް އަޅުގަނޑަށް ސުވާލު ކުރެވޭ ގޮތަށް އަދި އެ ރައްޔިތެއްގެ އިހުސާސްތަކާއި ހިޔާލުތަކާއި އުއްމީދުތަކަށް ސީދާ އަޅުގަނޑަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރާނަން. މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފަ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނުގެ "ހަފުތާ14" އިގެ ތެރެއިން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ޕަބްލިކް ފޯރަމްތަކެއް ބާއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ފޯރަމް ކޮންމެ ތިން މަހަކުން އެއް މަހަކު އޮންނާނެ ކަމަށާއި ފުރަތަމަ ފޯރަމް ފެބްރުއަރީ މަހުގެ ތެރޭގައި ބާއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކެބިނެޓް މިނިސްޓަރުން އެފަދަ ފޯރަމްތަކެއް ކޮންމެ ދެ މަހަކުން އެއް މަަހަކު ބާއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ވަޒީރުން ބާއްވާ ފުރަތަމަ ފޯރަމް އަންނަ މަހު ބާއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ރައްޔިތުންގެ ހާލު ބެލުމަށް އެ މަނިކުފާނުގެ ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންތައް ރަށްރަށަށް، މި ހަފުތާ ބަންދުގައި ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ މަނިކުފާނު ވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުފުޅުތައް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު