ރައްޔިތުންނަށް ލިބެން އޮންނަ މުއްސަނދި ކަމަކަށް ހުރަސް އަޅައިގެން ނުވާނެ ކަމަށާއި އެފަދަ ހުރަސް އެޅުންތަކަށް އެ މަނިކުފާނު ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ކަންގަތި 2023 އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައިހެވަން މަޝްރޫއަކީ ވަރަށް ބޮޑު އަދި ބިޔަ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއަކީ ރާއްޖޭގެ ކަނޑު މެދުވެރިކޮށް ދުނިޔޭގެ ދެކޮޅަށް ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރާ ގުޅިފައިވާ ބިޔަ ބަނދަރެއްގެ މަޝްރޫއު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިންގަޕޫރު ތަރައްގީވެފައިވަނީ އެފަދަ ބަނދަރަކުން އެ ގައުމަށް އޮހުނު މުއްސަނދިކަމެއްގެ ސަބަބުން ކަމަށެވެ. އެފަދަ ތަރައްގީއެއް ރާއްޖެއަށް ގެންނަން ދިވެހިން އެއްބަސްވެއްޖެ ނަމަ، ދިވެހިން ތިބޭނީ ތަރައްގީގެ މުޅިން އާ ހަރުފަތެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއިން އެއްވެސް ކަމެއް ހާސިލުނުވެ ކޮންމެ ފަސް އަހަރަކުން ދިވެހީން ވޯޓުލާން މި ޖެހެނީ ކީއްވެތޯ؟ ދިވެހި އާންމު ރައްޔިތު މިހާއަށް މި ގައުމުގައި އޮތް ހަމައެކަނި ހައްގަކީ ވޯޓުލުމުގެ ހައްގުތޯ؟ ތިޔާގިކަމާއި މުއްސަނދިކަމަކީ އެ ވޯޓުން ހޮވޭ މީހުންގެ މިލްކެއްތޯ؟ އަޅުގަނޑަކަށް މި ގޮތް ގަބޫލެއް ނުކުރެވޭ. ގަބޫލެއް ނުވެސްކުރާނަން،" ރައީސް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ލިބެން އޮންނަ މުއްސަނދިކަމަށް ހުރަސް އަޅައިގެންނުވާނެ. އެ ފުރުސަތެއް އަޅުގަނޑު ނުދޭނަން. އެހެންވީމާ އާންމު ރައްޔިތުންގެ އުފާވެރިކަމަށް ހުރަސްއަޅާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ. އަޅުގަނޑު މި ކަމުގައި ވެސް އަޅުގަނޑުގެ ގާނޫނީ ވާޖިބު އަދާކުރާނަން. ރައްޔިތުންގެ ތަރައްގީއަށް ނޫނެކޭ ބުނުމުގެ ހައްގު ރައްޔިތުން މުސާރަދޭ އެއްވެސް މީހަކަށް ލިބިގެނެއް ނުވޭ،"

އެ މަނިކުފާނު ހުވާ ކުރެއްވީ ރައްޔިތުންނަށް އަމާނަތްތެރިވުމަށް ކަމަށާއި އެ މަނިކުފާނު ކުރެއްވި ހުވައަށް ހުރަސް އަޅަން މަސައްކަތް ކުރާ މީހުންނާ ދެކޮޅު ފިޔަވަޅު އަޅަން ގާނޫނު ލާޒިމުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެއިރެއްގެ އޮންނަ ގާނޫނީ ސަރުކާރަކަށް އެއްބާރުލުން ދިނުމުގައި ދިވެހިންނަކީ ނަމޫނާ ބައެއް ކަމަށެވެ. ރައީސް ވިދާޅުވީ އިނގިރޭސީންގެ އަޅުވެތިކަމުން ރާއްޖެއަށް މިނިވަންކަން ލިބުނީ އެއިރުގެ ރައީސް އިބްރާހީމް ނާސިރު ބޭނުންވި ސިޔާސަތުތަކަށް، އޭރުގެ ރައްޔިތުންގެ މަޖިލީހުންނާއި، ރަށްރަށުގެ ކޮމިޓީން އަދި ރައްޔިތުން އެކުގައި އެކަމަށް ނުކުތުމުން ކަމަށެވެ. އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ހަވާލުކުރި ދިވެހިންގެ މައި ވައިގެ ބަނދަރު ހޯދީ ވެސް އެގޮތުގެ މަތިން ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދިވެހީންނަކީ ނަމޫނާ ބައެއް. ދިވެހީން ތަރައްގީވެ ކުރިއެރީ އެ ގޮތުގެ މަތިން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހިން އެކުވެ އެއިރުގެ ސަރުކާރަށް އެއްބާރުލުންދީ ކުރި މަސައްކަތުގެ ސަބަބުން، ބޭރު ފައިސާ ލިބި، ތައުލީމާއި ބޭސް ފަރުވާގެ ހިދުމަތްތައް ގާއިމުކުރެވުނު ކަމަށެވެ. އެ މަނިކުފާނުގެ ސިޔާސަތަކީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ކަންކަން ނިންމުން ކަމަށް ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެ މަނިކުފާނު ވާނީ، ވައުދުތައް ފުއްދާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައި ކަމަށާއި އެ މަނިކުފާނު ގެންދަވަނީ ވައުދުފުޅުތައް ފުއްދަވައި، އިތުރު ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރައްވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ﷲގެ ރަހުމަތްފުޅާއެކު ހުރިހާ ވައުދެއް ވެސް މި ދަނީ ކަނޑައެޅިފައިވާ ސުންގަޑިޔަށް ފުދެމުން. ފުއްދަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ގިނަ ރައްޔިތުން އެ މަނިކުފާނުގެ އަރިހުގައި ދަންނަވާފައިވަނީ ބޯހިޔާވަހިކަމުގައި ދިމާވާ ދަތިތަކުގެ ވާހަކަތައް ކަމަށެވެ.

"ކުދިކުދި ގޮޅިގޮޅީގައި ތިންހަތަރު ކުދިން ގޮވައިގެން ނިދައި ކައިބޮއި ހެދުމުގެ ތަކުލީފުގެ ވާހަކަ. އެ ދިރިއުޅުމުގެ އަރާމެއްނެތް ވާހަކަ. އަބަދާއަބަދު ކުރެވޭ ނިކަމެތި ހިތްދަތި އިހުސާސްތަކުގެ ވާހަކަ. އެ މަންމައިންގެ ލޮލުން އޮހުނު ކަރުނާ، އެ ވަގުތު ހިތްތަކަށް ކޮށްފައިވާ އަސަރު، އަޑުގައި ހުރި ވޭނާއި ރިހުން މި ހިނދު މި ތަންވަޅު ވެސް ހަމަ ވީޑިއޯ ފީތާއެއްހެން އަޅުގަނޑުގެ ސިކުނޑީގައި އެބަ ހުޅުވި ދައުރުވޭ. ވަރަށް ފުން އަސަރެއް އެކަމުން އަޅުގަނޑަށް ކުރޭ،" ރައީސް ވިދާޅުވިއެވެ.

ފުށިދިއްގަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިގަތީ އެހެންވެގެން ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނުގެ މަގުސަދަކީ ގެދޮރުގެ ދަތިކަމުގެ ސަބަބުން އެންމެ ދިވެއްސަކު ވެސް ކަރުނައެއް އަޅަން ނުޖެހޭނެ ޒަމާނެއް ގެނެސްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.