އެ މަނިކުފާނުގެ އަމާޒަކީ ގެދޮރުގެ ދަތިކަމުގެ ސަބަބުން އެއްވެސް ދިވެއްސަކު ކަރުނަ އަޅަން ނުޖެހޭ ޒަމާނެއް ގެނެސްދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ކަންގަތި އެވޯޑް 2023 ދިނުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ގިނަ ރައްޔިތުން އެ މަނިކުފާނުގެ އަރިހުގައި ދަންނަވާފައިވަނީ ބޯހިޔާވަހިކަމުގައި ދިމާވާ ދަތިތަކުގެ ވާހަކަތައް ކަމަށެވެ. ކުދިކުދި ގޮޅިގޮޅީގައި ތިންހަތަރު ކުދިން ގޮވައިގެން ނިދައި ކައިބޮއި ހެދުމުގެ ތަކުލީފުގެ ވާހަކައާއި އެ ދިރިއުޅުމުގެ އަރާމެއްނެތް ވާހަކަ، ރައްޔިތުން އެ މަނިކުފާނާ ހިއްސާކުރި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަބަދާއަބަދު ކުރެވޭ ނިކަމެތި ހިތްދަތި އިހުސާސްތަކުގެ ވާހަކައާއި އެ ވާހަކަތައް ދެއްކި މަންމައިންގެ ލޮލުން އޮހުނު ކަރުނައިން، އެ މަނިކުފާނަށް ފުން އަސަރުތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ މަގުސަދަކީ ގެދޮރުގެ ދަތިކަމުން އެންމެ އެންމެ ދިވެއްސަކު ވެސް ކަރުނައެއް އަޅަން ނުޖެހޭނެ ޒަމާނެއް ދިވެހީންނަށް ގެނެސްދިނުން. އެންމެ ޒަމާނީ ސިޓީތަކަށް ދިވެހީންގެ އާ ޖީލުގެ ދިރިއުޅުން ބަދަލުކޮށްލުން،" ރައީސް ވިދާޅުވިއެވެ.
ފުށިދިއްގަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިގަތީ އެހެންވެގެން ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ބަޖެޓު ނެތި އެފަދަ ކަންކަން ނުކުރެވޭނެ ކަމަށާއި އަދި އެފަދަ ހައްސާސް މައްސަލައަކަށް ބަޖެޓު އުނިކުރުމަކީ، ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ނިންމި ނިންމުމެއްތޯ؟ އެއީ ދިވެހި ގައުމާ އެއްކޮޅަށް ނިންމި ނިންމުމެއްތޯ؟ އެއީ ދިވެހީންގެ އަންނަން އޮތް ޖީލުތަކާ މިއަދު މާކަނޑުން ގެވަޅުދީފައި އެ ތިއްބެވި ދިވެހި ލޮބުވެތި ރައްޔިތުންނާ އެއްކޮޅަށް ނިންމި ނިންމުމެއްތޯ؟ އެކަމަކު ދިވެހީންގެ ރައްޔިތުންގެ މަޖިލީހުން އެ ނިންމުން އެ ވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
މަޖިލީހުން ފުށިދިއްގަރުގެ މަޝްރޫއު އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން އުނިކުރުމުން، އެ މަނިކުފާނަށް ޖެހިވަޑައިގަތީ، އެހެން މަގެއް ހޯދައިގެން އެ މަޝްރޫއުގެ މަސައްކަތް ފަށަން ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ފުށިދިއްގަރުފަޅު (ރަސްމާލެ) ވަނީ ރައްޔިތުންނާ އެއްކޮޅަށް ފަށާފައި ކަމަށް ވިދާޅުވިއެވެ.
"ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބައިފައި މި ތިބި ތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާއިމަށް ނިމުމެއް ގެންނާނަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ހުންނަވާނީ ރައްޔިތުންގެ ފަޅީގައި ރައްޔިތުންނާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ކުރައްސަވާފައިވަނީ މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ޕްލޭނެއްގެ އިތުރުން، ދިވެހި ކޮންމެ ރައްޔިތެއްގެ ދިރިއުޅުން ތަރައްގީވާނެ ކުރެހުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ސަރުކާރުގެ ތަރައްގީގެ ބެބެޅުން ފެތުރިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު