އެއިރެއްގެ އޮންނަ ގާނޫނީ ސަރުކާރަކަށް އެއްބާރުލުން ދިނުމުގައި ދިވެހިންނަކީ ނަމޫނާ ބައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ކަންގަތިކޮލި އެވޯޑް 2023 ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިނގިރޭސީންގެ އަޅުވެތިކަމުން ރާއްޖެއަށް މިނިވަންކަން ލިބުނީ އެއިރުގެ ރައީސް އިބްރާހީމް ނާސިރު ބޭނުންވި ސިޔާސަތުތަކަށް، އޭރުގެ ރައްޔިތުންގެ މަޖިލީހުންނާއި، ރަށްރަށުގެ ކޮމިޓީން އަދި ރައްޔިތުން އެކުގައި އެކަމަށް ނުކުތުމުން ކަމަށެވެ. އަދި އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ހަވާލުކުރި ދިވެހިންގެ މައި ވައިގެ ބަނދަރު ހޯދީ ވެސް އެގޮތުގެ މަތިން ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދިވެހީންނަކީ ނަމޫނާ ބައެއް. ދިވެހީން ތަރައްގީވެ ކުރިއެރީ އެ ގޮތުގެ މަތިން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހިން އެކުވެ އެއިރުގެ ސަރުކާރަށް އެއްބާރުލުންދީ ކުރި މަސައްކަތުގެ ސަބަބުން، ބޭރު ފައިސާ ލިބި، ތައުލީމާއި ބޭސް ފަރުވާގެ ހިދުމަތްތައް ގާއިމުކުރެވުނު ކަމަށެވެ. އެ މަނިކުފާނުގެ ސިޔާސަތަކީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ކަންކަން ނިންމުން ކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެ މަނިކުފާނު ވާނީ، ވައުދުތައް ފުއްދާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަނިކުފާނު ގެންދަވަނީ ވައުދުފުޅުތައް ފުއްދަވައި، އިތުރު ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރައްވަމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ﷲގެ ރަހުމަތްފުޅާއެކު ހުރިހާ ވައުދެއް ވެސް މިދަނީ ކަނޑައެޅިފައިވާ ސުންގަޑިޔަށް ފުދެމުން. ފުއްދަމުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހި ގިނަ ރައްޔިތުން އެ މަނިކުފާނުގެ އަރިހުގައި ދަންނަވާފައިވަނީ ބޯހިޔާވަހިކަމުގައި ދިމާވާ ދަތިތަކުގެ ވާހަކަތައް ކަމަށެވެ.

"ކުދިކުދި ގޮޅިގޮޅީގައި ތިންހަތަރު ކުދިން ގޮވައިގެން ނިދައި ކައިބޮއި ހެދުމުގެ ތަކުލީފުގެ ވާހަކަ. އެ ދިރިއުޅުމުގެ އަރާމެއް ނެތް ވާހަކަ. އަބަދާއަބަދު ކުރެވޭ ނިކަމެތި ހިތްދަތި އިހުސާސްތަކުގެ ވާހަކަ. އެ މަންމައިންގެ ލޮލުން އޮހުނު ކަރުނާ، އެ ވަގުތު ހިތްތަކަށް ކޮށްފައިވާ އަސަރު، އަޑުގައި ހުރި ވޭނާއި ރިހުން މި ހިނދު މި ތަންވަޅު ވެސް ހަމަ ވީޑިއޯ ފީތާއެއްހެން އަޅުގަނޑުގެ ސިކުނޑީގައި އެބަ ހުޅުވި ދައުރުވޭ. ވަރަށް ފުން އަސަރެއް އެކަމުން އަޅުގަނޑަށް ކުރޭ،" ރައީސް ވިދާޅުވިއެވެ.

ފުށިދިއްގަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިގަތީ އެހެންވެގެން ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނުގެ މަގުސަދަކީ ގެދޮރުގެ ދަތިކަމުގެ ސަބަބުން އެންމެ ދިވެއްސަކު ވެސް ކަރުނައެއް އަޅަން ނުޖެހޭނެ ޒަމާނެއް ގެނެސްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.