މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު "ވަން" އަށް މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އެ ބައްދަލުވުމާ ބެހޭ އިތުރު ތަފްްސީލެއް ނުދެއްވައެވެ. ޝަހީބު ވިދާޅުވީ އެ ބައްދަލު ކުރެއްވުމުގެ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް މުއިއްޒު ސިޔާމްއާ ބައްދަލު ކުރައްވާފައި މިވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދުމަށްޓަކައި އެހެން ޕާޓީތަކާއެކު ވާހަކަ ދައްކަން ސަރުކާރުގެ މައި ކޯލީޝަންގައި ހިމެނޭ ޕީޕީއެމް ޕީއެންސީން ވާހަކަ ދައްކަން މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއްގައެވެ.
ސިޔާމުގެ އެމްޑީއޭއަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ބައިވެރި އެކެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، އޭރުގެ ރައީސުލްޖުމްހޫރއިްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވި ނަަމަވެސް އިންތިހާބުގެ ދެވަނަ ބުރުގެ ވަކި ހިސާބަކުން، ސިޔާމާއި އެމްޑީއޭއިން ތާއީދު ކުރެއްވީ، ރައީސް މުއިއްޒުއަށެވެ. އެކަމާ ގުޅިގެން ސަަރުކާރުގެ ބައެއް ސްލޮޓްތައް އެމްޑީއޭއަށް ވަނީ ދީފައެވެ.
މީގެ އިތުރުން މި ދަނޑިވަޅަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް އާއި އެމަޖިލީހުގެ މެންބަރުންނާއި، ކޯޓުތަކުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކާއި، މުސްތަގިއްލު މަގާމު ތަކުގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަށްވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކުރުމާ ގުޅިގެން، ރައީސް މުއިއްޒު އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައިވާ ދަނޑިވަޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށް 20،000 ރުފިޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރައަށް 18،000 ރުފިޔާ އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ މިހާރުގެ މުސާރައަކީ 100،000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މުސާރައަކީ 75،000 ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރަ 120،000 އަށް ބޮޑު ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ، މުސާރައިގެ ބޮޑުކުރަން ފާސްކުރި ބައި ކުޑަކުދީންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ކޮމެޓީގެ ނިންމުމާ ގުޅިގެން ރައީސް މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރެއްިޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މުސާރަ ބޮޑު ކުރަން ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ. އަދި ބޮޑުކުރާން ބޭނުންފުޅު ނޫންކަމަށްވެސް ވިދާޅުވިއެވެ.
"އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދީންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން އަޅުގަނޑުމެން ނިންމައިފިން،" ރައީސްގެ ޓުވީޓުގައި ވިދާޅވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު