ރާއްޖެއާއި މިސްރާއި ދެމެދު އޮންނަ އެކުވެރިކަމުގެ ތާރީހީ ގުޅުމަކީ، އިސްލާމީ އެއްބައިވަންތަކަމާއި، ދެފަރާތަށް އިހުތިރާމްކުރުމާއި، ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ، އެ މަނިކުފާނު މިހެން ވިދާޅުވީ، ޢަބްދުލް ފައްތާޙް އަލް ސީސީ މިސްރުގެ ރައީސްކަމުގެ މަގާމުގެ އާ ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އެ މަނިކުފާނަށް ރައީސް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައި ކަމަށެވެ.
ރައީސްގެ މެސެޖުގައި، ތިންވަނަ ދައުރަކަށް ސީސީ ހޮވިވަޑައިގަތުމަކީ މިސްރުގެ ރައްޔިތުން އެ މަނިކުފާނުގެ ވެރިކަމަށް ކުރައްވާ އިތުބާރު ދޭހަވާކަމެއްކަމުގައި ވިދާޅުވެ، ސީސީގެ ވެރިކަމުގައި މި ފެށުނު އާ ދައުރުގައި މިސްރަށް ފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވަކަމަށް ވިދާޅުވެފައިވާކަމުގައެވެ.
އެ މެސެޖުގައި އިތުރަށް ފާހަގަކުރައްވާފައި ވަނީ، ސަގާފަތާއި ތަރިކަ އާއި، އިގްތިސާދީ އެއްބާރުލުމާއި، ތައުލީމާއި، ފަތުރުވެރިކަމާއި، އަދި އެނޫންވެސް އެކި ދާއިރާތަކުން މިސްރުގެ ފަރާތުން ރާއްޖެއަށް ވެދޭ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރައްވާފައިވާކަމުގައެވެ.
ރައީސްގެ މެސެޖް ނިންމަވާލައްވަމުން މިސްރު ސަރުކާރާ ގުޅިގެން ދެގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް ދެމިތިބުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވައި، އެ މަނިކުފާނު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މިސްރުގެ ރައީސަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު