ކުވޭތުގެ އަމީރުކަމުގެ މަގާމަށް، ހިޒް ހައިނަސް ޝެއިހު މިޝްޢަލް އަލް-އަހްމަދު އަލް-ޖާބިރު އަލް-ސަބާހް އިސްވެވަޑައިގަތުމާއި ގުޅިގެން، އެމަނިކުފާނަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން އިއްޔެ ބުނީ، ރައީސް ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއާއި ކުވޭތާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ދެމިގެންގޮސްފައި ވަނީ، ދެ ގައުމުންވެސް ކުރާ އިތުބާރާއި، އިހުތިރާމާއި، އަދި އިސްލާމީ ރިވެތި އަހުލާގުގެ ސަބަބުން އުފެދެމުންދާ ސަގާފީ، ތާރީހީ ގުޅުމުގެ މައްޗަށް ކަމުގައެވެ. އަދި ރާއްޖޭގެ އިޖުތިމާއީ، އިގްތިސާދީ މަގުސަދުތައް ކުރިއެރުވުމުގައި ކުވޭތުން މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށެވެ.

ހަމަ އެއާއެކު ކުވޭތުގެ ފަރާތުން ރާއްޖެއަށް ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއިން ބަލައިގަންނަކަމަށާއި، އެކަމުގެ އަގުވަޒަންކުރާކަމުގައި ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

އާ އަމީރުގެ ޒައާމަތުގައި، ކުވޭތު, ތަރައްގީގެ އާ އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި މީގެ އިތުރުން، މި ފެށިގެންދާ އާ ދައުރުގައި ކުވޭތާއި ރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށާއި، އެކަމަށް ޔަގީންކަން އެބައޮތް ކަމުގައިވެސް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް މުއިއްޒުގެ މެސެޖު ނިންމަވާލައްވަމުން، އެ މަނިކުފާނު ވަނީ ކުވޭތުގެ އައްޝެއިހް ނަވާފް އަލްއަހްމަދު އަލްޖާބިރު އައްސަބާހް އަވަހާރަވުމާ ގުޅިގެން ކުވޭތުގެ ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް އަދިވެސް އެއްފަހަރު ތައުޒިޔާ ފޮނުއްވާފައިވާކަމަށެވެ.

ރައީސް އޮފީހުން ބުނީ، އެ މަނިކުފާނުގެ އަންގާރަ ދުވަހު ފޮނުއްވި މެސެޖުގައި ކުވޭތުގެ އާ އަމީރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވިކަމަށެވެ.