ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ކޮމިޓީން ފާސްކޮށްފައި ވަނީ ސިޓީ ސިޓީތަކުގެ ރައީސް ނުވަތަ މޭޔަރުންގެ އަސާސީ މުސާރަ 36،000 ރުފިޔާއަށް ބޮޑު ކުރުމާއި، ލިވިން އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާއާއެކު ޖުމްލަ 46،000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.
މޭޔަރުންގެ އަސާސީ މުސާރައިގެ ގޮތުގައި، 30،000 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާއާއެކު މިހާރު ލިބެނީ ޖުމްލަ 40،000 ރުފިޔާއެވެ.
ޑެޕިޔުޓީ މޭޔަރަށް އަސާސީ މުސާރައިގެ ގޮތުގައި 27،000 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 8000 ރުފިޔާއެކު 35،000 ރުފިޔާ ލިބެމުން އަންނަ އިރު، ކޮމިޓީން ފާސްކޮށްފައި ވަނީ އަސާސީ މުސާރައިގެ ގޮތުގައި 32،500 ރުފިޔާ އާއި ލިވިން އެލަވަންސްގެ 8،000 ރުފިޔާއާއެކު ޖުމްލަ 40،500 ރުފިޔާއެވެ.
ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަސާސީ މުސާރަ 29،000 ރުފިޔާއަށް ބޮޑު ކުރުމަށާއި، ލިވިން އެލަވަންސްގެ 6،000 ރުފިޔާއާއެކު ޖުމްލަ 35،000 ދިނުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އަތޮޅު ކައުންސިލްގެ ރައީސުންނަށް އަސާސީގެ މުސާރައިގެ ގޮތުގައި 27،000 ރުފިޔާ، ލިވިން އެލަވަންސްގެ ގޮތުގައި 6،000 ރުފިޔާއާއެކު ޖުމްލަ 33،000 ރުފިޔާ ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން ރަށު ކައުންސިލްތަކުގެ ރައީސުންގެ އަސާސީ މުސާރަ 20،500 ރުފިޔާއަށް ބޮޑުކޮށް ލިވިން އެލަވަންސްގެ 5،000 ރުފިޔާއާއެކު ޖުމްލަ 25،500 ރުފިޔާ އަދި ނާއިބު ރައީސުންނަށް އަސާސީ މުސާރައިގެ 16،000 ރުފިޔާ އާއި ލިވިން އެލަވަންސްގެ 4،000 ރުފިޔާއާއެކު ޖުމްލަ 20،000 ރުފިޔާ، މެންބަރުންގެ އަސާސީ މުސާރައިގެ ގޮތުގައި 14،000 ރުފިޔާ، ލިވިން އެލަވަންސްގެ 4،000 ރުފިޔާއާއެކު ޖުމްލަ 18،000 ރުފިޔާ ލިބޭގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީން މިގޮތަށް ފާސްކުރީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމުގެ ދަށުން، ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަން ޖެހޭ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށްޓަކައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އެ ފަރާތްތަކުގެ މުސާރައަށް ބަދަލު ގެނައުމުގެ ބާރު މަޖިލީހަށް ލިބިދީފައިވަނީ ގާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ދަށުންނެވެ.
ގާނޫނުއަސާސީގެ 102 ވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާއަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށާއި، މަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ނާއިބު ރައީސަށާއި ފަނޑިޔާރުންނަށާއި، މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
މާލިއްޔަތު ކޮމިޓީގެ ނާއިބު މުގައްރިރު އަދި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ "ވަން"އަށް މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސްގެ އިތުރުން މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތަކަށާއި، ސިވިލް ސާވިސް އާއި އެހެނިހެން ތަންތަނުން، އެ ތަންތަނުގެ މުވައްޒިފުންނަށް މުސާރަ ބޮޑު ކުރުމަށްޓަކައި، ޕޭ ހާމަނައިޒް ކުރުމަށް އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި 500 މިލިޔަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.
އެހެންކަމުން އެ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފައި ވަނީ އަންނަ ޖެނުއަރީމަހުގެ އެކަކުން ފެށިގެން ކަމަށާއި އަދި އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވައިގެން ފާސްކުރާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު