ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މެރިޓައިމް ބޯޑާ ކަނޑައެޅުމުގެ މައްސަލައިގައި ނިމިދިޔަ ސަރުކާރުން އަމަލުކޮށްފައިވަނީ ގާނޫނާހިލާފަށް ކަމަށާއި އެކަމާ ގުޅޭ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު މެރިޓައިމް ބޯޑާ ކަނޑައެޅުމުގައި، ކުރީގެ ސަރުކާރުން ގެންގުޅުނީ ގާނޫނާހިލާފު ޕޮޒިޝަނެއް ކަމަށެވެ. އަދި އެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމުން، އިސްތިއުނާފުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެޓާނީ ޖެނެރަލް އޮފީހާ ހަވާލުކޮށްފައިވާ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ކުރިއަށްގެންދާ ދިރާސަތަކާއި، މި މައްސަލައިގައި އައްޔަނުކޮށްފައިވާ ދިވެހިރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުންގެ ލަފާގެ މައްޗަށް ރިއާޔަތްކޮށް، ނިމިދިޔަ ސަރުކާރުގެ ފަރާތުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންނެ މަތީ މަސްލަހަތު ގެއްލޭގޮތަށް ގެންގުޅުއްވާފައިވާ ގާނޫނީ ޕޮޒިޝަންއާއި އަމަލުކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ރިޕޯޓެއް އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ބަންޑާރަ ނައިބު ވަނީ ނިންމާފަ،" ރައީސް އޮފީހުން ބުންޏެވެ.

ކަނޑުގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީ ވެސް ރައީސް އޮފީހުން މިއަދު ވަނީ އާންމުކޮށްފައެވެ.

އެ ސިޓީއަކީ މީގެ ކުރިން ސޯޝަލް މީޑިއާގައި ވެސް އާންމުވި ސިޓީއެވެ. ރައީސް އޮފީހުން ބުނީ އެ ސިޓިއަކީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު މޮރިޝަސް ބޮޑުވަޒީރަށް ފޮނުއްވި ސިޓީއެއް ކަމަށެވެ.

"އެ ސިޓީއަކީ 24 ޖޫން 2022 ގައި ރުވާންޑާގައި ބޭއްވުނު ކޮމަންވެލްތު ހެޑްސް އޮފް ގަވަމެންޓް މީޓިންގެ ހަވާސާގައި މޮރިޝަސްގެ ބޮޑުވަޒީރާއެކު ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަށް ހަވާލާ ދެއްވައި ފޮނުއްވާފައިވާ ސިޓީއެއްކަމުގައިވީ ނަމަވެސް، މި ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރު މަޝްވަރާކުރައްވާފައިވާ ކަންކަމާ ގުޅޭގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން މި އޮފީހުގެ ރެކޯޑުތަކުން ފެންނާކަށް ނެތެވެ..،" ރައީސް އޮފީހުން ބުންޏެވެ.

އެ ސިޓީގައި ރައީސް ސޯލިހު ވަނީ، ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ)ގެ "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއެންސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޯސް އާޗެޕެލެގޯ ފްރޮމް މޮރިޝަސް އިން 1965" ރެސޮލިއުޝަންއަށް މޮރިޝަސްއާ އެއްކޮޅަށް ރާއްޖެއިން ވޯޓުދޭނެ ކަމުގެ ޔަގީންކަމާ ގުޅިގެން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ކޮންޓިނެންޓަލް ޝެލްފު (ސީއެލްސީއެސް) އަށް ރާއްޖެއިން 2010 ވަނަ އަހަރު ހުށަހެޅި މައްސަލައާ ގުޅިގެން މޮރިޝަސްގެ ފަރާތުން އިއުތިރާޒެއް ހުށަހަޅާފައިވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ބަޔާންކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ މެދުގައި ބަދަލުކުރެވިފައިވާކަން ރެކޯޑުތަކުން ނުދައްކާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"މޮރިޝަސްއަށް މި ސިޓީ ފޮނުވާފައިވަނީ ވަކި ކަންކަމާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވި ކަމުގައިވި ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނެ ލިޔެކިޔުމެއް އަދި އަމަލީ ގޮތުން އެކަން ތަންފީޒުވީކަން އެނގޭނެ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނާކަށް ނެތެވެ..،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ކަނޑުގެ މައްސަލަ ދިރާސާކުރުމަށާއި މަސައްކަތް ވިލަރެސް ކުރުމަށްޓަކައި ބަންޑާރަ ނައިބު ވަނީ ހާއްސަ ކޮމިޓީއެއް އުފައްދާފައި ކަމަށެވެ.

އެ ކޮމިޓީގެ މަސައްކަތް ހިނގަމުންދާނީ ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ބެލުމުގެ ދަށުންނެވެ. ދެން އެ ކޮމިޓީގައި ތިއްބަވާނީ ޑިފެންސް މިނިސްޓްރީގެ ފަރާތުން އައްޔަންކުރައްވާފައިވާ ކާނަލް އަހުމަދު މުޖުތަބާ އަދި ފޮރިން މިނިސްޓްރީގެ ފަރާތުން އައްޔަންކުރައްވާފައިވާ ސެކްރެޓަރީ މަލްޓިލެޓްރަލް އަހުމަދު ޝިއާންއެވެ. އަނިލް މަސައްކަތް ކޮށްދެއްވާނީ ހިލޭ ސާބަހަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.