ރައީސުލްޖުމްހޫރިއްޔާގެ މުސާރައަށް 20،000 ރުރިޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މުސާރައަށް 18،000 ރުފިޔާ އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ މިހާރުގެ މުސާރައަކީ 100،000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މުސާރައަކީ 75،000 ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރަ 120،000 އަށް ބޮޑު ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.
ކޮމިޓީން މިގޮތަށް ފާސްކުރީ ދައުލަތުުގެ ހުރިހާ މުއައްސަސާތަކެއްގެ މުސާރަ ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުމުގެ ދަށުން، ރައްޔިތުންގެ މަޖިލީހުން މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަން ޖެހޭ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށްޓަކައި މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އެ ފަރާތްތަކުގެ މުސާރައަށް ބަދަލު ގެނައުމުގެ ބާރު މަޖިލީހަށް ލިބިދީފައިވަނީ ގާނޫނުއަސާސީގެ 102 ވަނަ މާއްދާގެ ދަށުންނެވެ.
ގާނޫނުއަސާސީގެ 102 ވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާއަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށާއި، މަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ނާއިބު ރައީސަށާއި ފަނޑިޔާރުންނަށާއި، މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކަށް މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.
މާލިއްޔަތު ކޮމިޓީގެ ނާއިބު މުގައްރިރު އަދި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ "ވަން"އަށް މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ނާއިބު ރައީސްގެ އިތުރުން މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތަކަށާއި، ސިވިލް ސާވިސް އާއި އެހެނިހެން ތަންތަނުން، އެ ތަންތަނުގެ މުވައްޒިފުންނަށް މުސާރަ ބޮޑު ކުރުމަށްޓަކައި، ޕޭ ހާމަނައިޒް ކުރުމަށް އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި 500 މިލިޔަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.
އެހެންކަމުން އެ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ކޮމިޓީން ފާސްކޮށްފައި ވަނީ އަންނަ ޖެނުއަރީމަހުގެ އެކަކުން ފެށިގެން ކަމަށާއި އަދި އެގޮތަށް ކޮމިޓީން ފާސްކުރި ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވައިގެން ފާސްކުރާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު