(15 ޑިސެމްބަރުގެ އަދަދާ ގުޅޭ)

سـعــد بــــن أبــــى وقّـــاص رضـــــى اللّــــه عــنــــه ރިވާކުރައްވައިފައިވެއެވެ. އަހަންނަކީ محـمّــدى ތަޙްރީކަށްޓަކައި އެންމެފުރަތަމަ ދުޝްމިނެއްގެލޭ އޮހޮރުވައިލި މީހާއެވެ. އެ ތަޙްރީކުގެ ޢަސްކަރީ މަރްޙަލާ ފެށުމުން ހަނގުރާމައެއްގައި އެންމެފުރަތަމަ ދުންޏެއް ދޫކޮށްލި މީހާއެވެ. އަހަރެމެން ޖިހާދުކުރީ ފަތްޕިލާވެއްޔާއި އަކޭސިޔާ ގަހުގެ ވަކި ކައިގެންނެވެ. އެތަކެތި ކެއުމުން އަނގައިގެ ދެމިޔަކަން ފާރުވެއެވެ. (އަނގަފާރު އަޅައެވެ.) އަހަރެމެންގެ މާގެފިލި ނަޢަމުސޫފީގެ ބޮޑުކަމުޙާޖަތާ އެއްގޮތްވެއެވެ." (ޝަމާއިލު ތިރުމިޒީ)

މި ހާދިސާއަކީ މަދަނީ ދައުރުގެ ތަންކޮޅެއް ފަހުގެ ހާދިސާއެއްކަމުގައިވިޔަސް މި ހާދިސާއަކީވެސް މަދަނީ ދައުރުގެ ކުރީކޮޅުގައި ޞަޙާބީން މަދީނާގައި ވޭތުކުރެއްވި ދަތިޙާލުކޮޅު ހިތަށް ތަޞައްވުރުކޮށްދޭ ހާދިސާއެކެވެ. މަދަނީ ދައުރުގެ ބަލިމަޑުކަމާއި ހައިހޫނުކަމުގެ ދުވަސްވަރަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެދުވަސްވަރުގެ ބަލާ އާފާތުން މުސްލިމުން ސަލާމަތްކޮށްދެއްވުން އެދިވަޑައިގެން އިންތިހާދަރަޖަޔަށް އިބްތިޙާލުވެވަޑައިގެން މާތް اللّــــه ގެ ޙަޟުރަތަށް ދުޢާކުރެއްވި ދުވަސްވަރެކެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެދުވަސްވަރު ނުހަނު ޢާޖިޒުވެވަޑައިގެން ދުޢާކުރެއްވިއެވެ.

"އޭ ހައްދަވައި ބޮޑުކުރައްވާ ރަސްކަލާކޯއެވެ! މައްކާއަކީ އަޅަމެންގެ ލޯބިވާ ރަށެއްކަމުގައި ލެއްވި ފަދައިން މަދީނާއަކީ މައްކާއަށްވުރެވެސް އަޅަމެން ލޯބިވާ އަދި އަޅަމެންނަށް ހިތްހަމަޖެހުންލިބޭ ރަށެއްކަމުގައި ލައްވާނދޭވެ! މަދީނާގެ މުއްދާއި ސާޢުގައި (މިރަށުން ލިބޭ ގޮވާމާއި މޭވާއާއި، މިރަށުގެ އެހެނިހެން އުފެއްދުންތަކުގައި) އަޅަމެންނަށް ބަރަކާތްލައްވާނދޭވެ! މިރަށަށް ކުރިމަތިވެފައިވާ ހުމުގެ ވަބާ (މިރަށުގެ ހުންތައް) مـهـيــعـــه އަށް (ނުވަތަ جحــفــــة އަށް) ނަގުލު ކުރައްވާނދޭވެ!"

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޚާއްޞަ އެކުވެރީންކުރެ أبـــوهــــــريـــــرة رضـــى اللّــــه عــنـــــه ވިދާޅުވެފައިވެއެވެ. "އެއްދުވަސްވަރެއް އައެވެ. އަހަރެން ނަބަވީ މިންބަރުކޮޅާއި عـائشـــة ގެފާނުގެ ކޮޓަރިކޮޅާ ދެމެދު ހޭނެތިފައި އޮތީމެވެ. ހައިހޫނުކަމާއި ނިވެއްތުމުގެ ސަބަބުންނެވެ. ޖިންނިއެއް އަހަންނާ އަވަލައިގަތީކަމުގައި ހީކޮށް ފަރުވާއެއްގެގޮތުން މީހުންގެ ފައިތިލަތަކުން އަހަރެންގެ ކަނދުރާއަށް އޮބަމުންދެއެވެ. އެކަމަކު އަހަރެން ދުނިޔެއިން މޮޔަވީކީ ނޫނެވެ. ޖިންނިއެއް އަވަލީކީވެސް ނޫނެވެ. މައްސަލައަކީ ބަނޑުހައިކަމެވެ. ހާންތިވުމެވެ." (ޝަމާއިލް ތިރުމިޒީ) أبـــوهــــــريـــــرة رضـــى اللّــــه عــنـــــه އަދިވެސް ރިވާކުރައްވައިފައިވެއެވެ. "ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާއި عــمـــــر رضـــى اللّــــه عــنـــــه އާ ދެބޭކަލުން އެއްދުވަހަކު މަގުމަތިން ވާހަކަފުޅު ދައްކަވަމުން ވަޑައިގެންނެވިއެވެ. އަހަރެންވެސް އެދެބޭކަލުންގެ ފަހަތްޕުޅުން ވާހަކަ ދައްކަމުން ދިޔައީއެވެ. ވާހަކަ ދެކެވުނީ އާޔަތެއްގެ މަފްހޫމާ ބެހޭގޮތުންނެވެ. ދަނިކޮށް ދަނިކޮށް އަހަރެން ހޭނެތިގެން ވެއްޓިއްޖެއެވެ. ސަބަބަކީ ނިވެއްތައިގަތުމެވެ."

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެދުވަސްވަރު ބައިތުލްމާލަށް ލިބޭ ހުރިހައި އެއްޗެއްސަކުން އިތުރު މުހާޖިރު ޞަޙާބީން ދިރިދެމެހެއްޓެވޭތޯ ހޭދަކުރައްވަމުން ގެންދެވިއެވެ. އެކަމަކު ބައިތުލްމާލަށް ވަންނަ އާމްދަނީއާއި އަންޞާރުންކުރެ މުއްސަނދިފުޅު ބޭބޭކަލުންގެ ދީލަތިފުޅު ބަޚުސީސާއި ތަނަވަސްކަންހުރި މުހާޖިރުން ދެއްވާ އައިތަވެރި ޞަދަޤާތުންވެސް ފުދޭވަރާ ކައިރިވެސް ނުވެއެވެ. ހައިހޫނުކަމުގައި ތިއްބަވާ ޢާންމު މުހާޖިރުންގެ އިތުރަށް ޞުއްފާގައި ތިއްބަވާ ބޭކަލުންނަކީވެސް މުސްތަޤިއްލު ގޮތެއްގައި އިސްލާމީ ދައުލަތުން ބަލަހައްޓަވާ ބޭކަލުންނެވެ. އެބޭކަލުންގެ ދިރިއުޅުއްވުމުގެ ހުރިހައި ލަވާޒިމުތަކަކާއި ފަރީއްކޮޅުގެ ހުރިހައި ޚަރަދުބަރަދެކެވެ. ދައުލަތުން އާދަކޮށް ބަލަހައްޓަވާ ބޭކަލުންގެ އިތުރަށް ދުވަހުން ދުވަހަށް ވަރަށްގިނަ މެހްމާނުންވެސް މަދީނާއަށް ޒިޔާރަތް ކުރައްވައެވެ. ބަދަވީންގެ ގިނަބަޔަކުވެސް އިސްލާމްވާން އާދެއެވެ. ދީނީ ޙުކުމްތަކާއި މަޢުލޫމާތު ހޯދާން އަންނަނީވެސް މަދުބައެއް ނޫނެވެ. މިއީ ހައްތާވެސް ދައުލަތުން ބަލަހައްޓަންޖެހޭ ވަގުތީ މުހާޖިރުންނެވެ. މިފަދަ ޙާލަތެއްގައި ބައިތުލްމާލަށްވެސް އޮބިއޮންނާނީ ކިހިނަކުންތޯއެވެ؟

އިސްލާމީ ތަޙްރީކުގެ ބައިވެރީންނާއި އެކިއެކި ބޭނުންތަކުގައި މަދީނާއަށް ޒިޔާރަތްކުރާ ޒާއިރުންގެ ބޭނުންތަކުގެ ބަރު އިތުރުވަމުންދާވަރަކަށް އިސްލާމީ ތަޙްރީކުގެ ޤާއިދަށް ޖެހިވަޑައިގަންނަވަނީ ޞަދަޤާތަށް އެދިވަޑައިގެން އިލްތިމާސް ކުރައްވާށެވެ. މުސްލިމުން ހިތާއި ރޫޙުން އެ އިލްތިމާސަށް އިޖާބަދެއެވެ. ނަމަވެސް ލިބޭ އިޖާބައަށްވުރެ އެހީ ބޭނުންވާ ފަރާތްތައް މާގިނައެވެ. އެހެންކަމުން ތަޙްރީކުގެ ޤާޢިދަށް ޖެހިވަޑައިގަންނަވަނީ ދަރަންޏަށް ތަކެތި ނަންގަވާށެވެ. އިސްލާމީ ޖަމާޢަތުގެ ތެރެޔަކުން މާގިނަ ދަރަންޏެއް ނުލިބެއެވެ. މުސްލިމުންގެ ކިބައިގައި ތަނަވަސްކަން ނުހުންނާތީއެވެ. ނަތީޖާއަކީ ޔަހޫދީ މާލުވެރީންގެ ގާތަށް ފޮނުއްވާން ޖެހިވަޑައިގެންނެވުމެވެ. ޔަހޫދީންނަކީ ހަމަ ޔަހޫދީންނެވެ. ފައްކާ މަހުޖަނުންނެވެ. ރިބާ ކާމީހުންނެވެ. އެބައިމީހުންގެ ރިބާގެ މަކަރުވެރި ދައު ވަނީ މުޅި މަދީނާގައި ފަތުރައިފައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށާއި އިސްލާމީ ތަޙްރީކުގެ ބައިވެރީންނަށް ޔަހޫދީން ދަރަނި ދޭއިރު ސޫދަށްވުރެ އަދި މާބޮޑު އެހެން ބޭނުމެއްވެސް އޮވެއެވެ. އެއީ ރުފިޔާގެ "އިޙްސާންތެރި" ކަމުގެ ބާރުގައި މުސްލިމުން އަތްދަށުލުމެވެ. މިދެންނެވި ފިކުރުގައި ދަރަނިދޭއިރު ކުޑަވެސް އަގަލެއް ކުލުނެއް ހަމްދަރުދީއެއް ނުގެންގުޅެއެވެ. އަދި ކީއްތޯއެވެ؟ ގެންގުޅެނީ ނިކަމެތިކޮށްލުމާއި އަގުވައްޓައިލުމުގެ ވިސްނުމެވެ. އިހާނެތިކޮށް ހިތުމުގެ ގޮތްތަކެވެ. މުޝްރިކު ޢަރަބީންގެ މުޢާމަލާވެސް ހުންނަނީ ސައްތައިންސައްތަ ޔަހޫދީ ތައްގަނޑަށް ފެތިފައެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާއި އެމާތް ސާހިބާގެ ތަޙްރީކީ ބައިވެރީންވެސްވަނީ އެތައްފަހަރަކު އެ އިހާނެތިކަން ތަޖުރިބާ ކުރައްވައިފައެވެ. އެ ހާދިސާތަކުގެ ވާހަކަތަކަކީވެސް ސީރަތާއި ތާރީޚުގެ ފޮތްތަކުގައި މަދުނޫން ޢަދަދަކަށް ލިޔެފައިވާ ވާހަކަތަކެކެވެ. ކިތަންމެ ހިތާމަވެރި ވާހަކަތަކެއް ކަމުގައިވިޔަސް އިންސާނިއްޔަތުގެ ލާބަޔަށްޓަކައި އަމިއްލަފުޅު ޙަޔާތްޕުޅު ގޮންޖެހުންތަކާ ކުރިމަތިކުރެއްވި ބޭކަލުންވަނީ އެހުރިހައިކަމެއްވެސް ތަޙައްމަލު ކުރައްވައިފައެވެ. އެކަމަކު އެފަދަ ސަހަލު ޙާލުކޮޅުގައި އުޅުއްވާން ޖެހިވަޑައިގެންނެވިއިރުވެސް އެބޭކަލުންގެ އީމާންކަމަކަށް އެބޭކަލުންގެ މަޤްޞަދުގެ ޞައްޙަކަމަކަށް ކުޑަވެސް ލޮޅުމެއް އެރިޔަކަ ނުދެއްވައެވެ.

އިންސާނިއްޔަތުގެ މުޙްސިނު صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ ގާތް އެކުވެރިޔާ އަދި ޒާތީ ނާއިބު بِـــلال رضـــى اللّــــه عــنـــــه އަށް ބަވަސްކުރައްވައި އަންގަވައިފައި އޮންނަނީ އިސްލާމީ ތަޙްރީކަށާއި އެ ތަޙްރީކުގެ މުޖާހިދުންގެ ބޭނުންފުޅުތަކަށް ފިސާރި މުށްޕުޅު ހުޅުވައިލައްވައިގެން ޚަރަދު ކުރައްވާށެވެ. ހޭދަކުރެއްވުމުގައި ކުޑަކޮށްވެސް ހިފެހެއްޓެވުމެއް ނުގެންގުޅުއްވާށެވެ. بِـــلال رضـــى اللّــــه عــنـــــه ނުހަނު ފަރުވާތެރިވެވަޑައިގެން އެގޮތަށް ޢަމަލުކުރައްވަމުން ގެންދެވިއެވެ. އެއްފަހަރަކު ނުވަދިހަހާސް ދިރުހަމުގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ. بِـــلال رضـــى اللّــــه عــنـــــه އެ ފައިސާތައް ބޮޑު ގޯންޏަކަށް އަޅުއްވައިގެން ގެންދެވީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އިށީނދެވަޑައިގެން އިންނެވިތާނގައި އިންނަވައި އެ ފައިސާތައް ބައްސަވައި ހުސްކޮށްލެއްވިއެވެ. އެންމެ މިސްޤާލެއްގެ މިންވަރުވެސް ބާކީއެއް ނުކުރައްވައެވެ. އެފައިސާތައް ބައްސަވައި ނިންމެވިތަނުން މީހަކު އެހީއަކަށް އެދިގެން އައުމުން އެމީހާއަށް އެހީދެއްވީ ދަރަންޏަށް ނަންގަވައިފައެވެ. އެދުވަސްވަރު ދައުލަތަށް އާމްދަނީލިބޭ ވަސީލަތްތަކެއް ކަނޑައަޅުއްވައިފައިވިޔަސް މިޒަމާނުގެ ގޮތަށް އެދުވަސް ބައިތުލްމާލެއް ޤާއިމުކުރައްވާފައެއްވެސް ނުހުރެއެވެ. އިސްލާމީ ދައުލަތުގައި ބައިތުލްމާލެއް ޤާއިމުކުރައްވައި މުސާރަދެއްވަން ފެށްޓެވީ أميـــرالمـؤمـنــيـن عــمـــــر بـــن الخـطّــاب عــثـمــان رضـــى اللّـــه عـــنــــه އެވެ.

أبـــوهــــــريـــــرة رضـــى اللّــــه عــنـــــه ރިވާކުރައްވައިފައިވެއެވެ. بِـــلال رضـــى اللّــــه عــنـــــه ގެ ކުރިފުޅުމަތީގައި އެއްދުވަހަކު ބޮޑުސިންގާ ފުންޏެއްގެ ކަދުރު ހުއްޓެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، بِـــلال ގެފާނާ ސުވާލު ކުރެއްވިއެވެ. "މިއީ ކޮންހައި ކަދުރެއް ހެއްޔެވެ؟" بِـــلال رضـــى اللّــــه عــنـــــه ޖަވާބުދެއްވިއެވެ. "މުސްތަޤްބަލުގައި ދިމާވެދާނެ ޙާލަތަކަށްޓަކައި ފޮރުވައިފައި ބަހައްޓާން ގަސްދުކުރާ ކަދުރެވެ." އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީޘުކުރެއްވިއެވެ. "އޭ بِـــلال އެވެ. ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. ޚަރަދުކުރައްވަމުން ގެންދަވާށެވެ. ތިޔަ މުދާތައް ހޭދަނުކުރައްވައި ބެހެއްޓެވުމަކީ ޤިޔާމަތްދުވަހުން ނަރަކައިގެ ދުން ތިބާއާ ހަމަޔަށް ފޯރުމުގެ ސަބަބަކަށްވިޔަ ނުދެއްވާށެވެ! ޢަރްޝީގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ތަދުމަޑުކަމެއް އަތުވެދާނެކަމުގައި ހީނުކުރައްވާށެވެ!"

ކުރީންވެސް ދެންނެވި ފަދައިން ޔަހޫދީ މަހްޖަނުންނާއި މުޝްރިކުންގެ މާލުވެރީން މުސްލިމުންނަށް ދަރަނިދޭއިރު އެންމެބޮޑު މަޤްޞަދަކަށް ހަދައިފައިވަނީ މުސްލިމުން ނިކަމެތިކޮށްލާނެ ފުރުޞަތެއް ހޯދުމެވެ. އަގުވައްޓައިލެވޭނެ ދަނޑިވަޅެއް ފަހިކުރުމެވެ. ތިރީގައި މިދަންނަވަނީ މިބާވަތުގެ ހާދިސާތަކުގެ ބައެއް މިސާލުތަކެވެ.

بِـــلال رضـــى اللّــــه عــنـــــه ރިވާކުރައްވައިފައިވެއެވެ. "މަދީނާގައި މުޝްރިކް މަހްޖަނަކު އުޅުނެވެ. އޭނާ އެއްދުވަހަކު އަހަންނާ ބައްދަލުކޮށްފައި ބުންޏެވެ. "އަހަރެންގެ އަތުގައި ވަރަށްގިނަ މުދާ ބާކީވެފައި އެބަހުއްޓެވެ. ބޭނުމެއްޖެހިއްޖެ ކަމުގައިވާނަމަ އަހަރެންގެ އަތުން މުދާ ގެންދާށެވެ. އަނބުރައި ދެއްކޭގޮތްވުމުން ދައްކައި ޚަލާޞްކުރަމުން ގެންދާށެވެ." بِـــلال رضـــى اللّــــه عــنـــــه އޭނާގެ ހުށަހެޅުން ޤަބޫލުކުރައްވައި އޭނާއާ ލޭންދޭން ކުރައްވާން ފެއްޓެވިއެވެ. އެގޮތަށް ކަންހިނގަމުންދާތާ ދުވަސްކޮޅެއްވީފަހުން އެއްދުވަހަކު އެއްކަލަ ވިޔަފާރިވެރިޔާ އަތުވެއްޖެއެވެ. އޭރު بِـــلال رضـــى اللّــــه عــنـــــه ވުޟޫކުރައްވައިގެން ބަންގިދެއްވާން ވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންނަވަނީއެވެ. އޭރު ނަމާދުވަގުތު ވާންވެސް ކައިރިވަނީއެވެ. ވިޔަފާރިވެރިޔާ އައީ އެހެން ވިޔަފާރިވެރީންތަކެއްވެސް ގޮވައިގެންނެވެ. އޭނާ އައިސް ނުހަނު ނާތަހްޒީބު ގޮތަކަށް ގޮވައިލިއެވެ. "އޭ ޙަބްޝީ ކަލޭގެއާއެވެ!" އަހަރެން އޭނާގެ ގާތަށް ދިޔައިރު ހުރީ ވަރަށް ދޮންބޮޑުވެފައެވެ. އަހަންނާ ދިމާޔަށް ހަޅޭއްލަވައިގެންފައި ހެއްދެވި ނެހެއްދެވިޔަށް ގޮވާންފަށައިފިއެވެ. އޭނާ އަހަންނަށް އިންޒާރު ކުރިއެވެ. "މަސް ނިމޭން އުޅެނީއެވެ. މަސް ހުސްވާއިރު އަހަރެންގެ ދަރަނި އަދާނުކޮށްފިކަމުގައިވާނަމަ އަހަރެން ކަލޭ އަޅުވެތިކުރާނަމެވެ. (އަޅަކަށް ހަދާނަމެވެ. އެއީ ޢަރަބީންގެ ޖާހިލިއްޔަތުގެ އޮންނަ އުސޫލެކެވެ.) ކަލޭގެޔަށް ހުންނާނީ ފިސާރިޔަކަށް އަޅުވެތިކަމުގެ ރަހަލައިފައެވެ. ކަލޭގެ ޙާލަކަށްވާނީ ކުރީގެ ޙާލެވެ."

(ނުނިމޭ)