ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރުދިނުމާއި ގުޅިގެން އެ މެންބަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ޑިފެންސް މިނިސްޓްރީގައި އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝިފާއުއަށް ދިން މަރުގެ އިންޒާރު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ ޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާއު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މަގާމުން އަޒުލު ކުރެއްވުމަކީ މިހާރުން މިހާރަށް ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރައީސް މުއިއްޒު އަޒުލު ކުރުމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ޝިފާއުއަށް މަރުގެ އިންޒާރުދީފައެވެ.
ޝިފާއުއަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން އެމްޑީޕީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުން، އެ މެމްބަރުންގެ ގާނޫނީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން ފާޅުކުރައްވާ ހިޔާލުތަކާއި، މަޖިލީހުގައި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން ކުށްވެރިކުރާ ކަމަށެވެ.
"މިގޮތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ،" އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން ކުރާނެ އެންމެ މާތް އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމުގައި ވީހިނދު, އެ ދުސްތޫރީ ޒިންމާ އަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް މަޖިލީހުގެ މެންބަރުން ވެގެން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
މަޖިލީހުގެ މެންބަރުންނަކީ އެ މެންބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ބައެއް ކަމަށާއި މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކަށް ގޮވާލާ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު