ކުރިއަށްއޮތް އަށް މަސްދުވަހުގެ ތެރޭގައި ރަސްމާލެ ހިއްކައި ނިންމޭނެ ކަމަށާއި އެތަން ތަރައްގީކުރާނީ އިކޯ ސިޓީއެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ މިއަދު ފެށިގެންދިޔަ މަޝްރޫއަކީ މިއަދާ ހަމައަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށާއި އެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއަދު މި ފެށޭ ގޮތަށް މެދުނުކެނޑި ގޮސް، ގާތްގަނޑަކަށް އަށް މަސްދުވަހުގެ ތެރޭގައި ނިންމާލާ އިރުގައި އޮންނާނީ ހިއްކިފައި. 1153 ހެކްޓަރުގެ ބިމަކީ ބޮޑުމިނަށް ބަލާ އިރުގައި، ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ ވާވަރުގެ ގާތްގަނޑަކަށް ތިން ގުނަ. އެހެންވީމާ މި ތަން ވެގެންދާނީ، ދެންމެ އަޅުގަނޑު މި ދެންނެވި ގިރާވަރުފަޅާއި ގުޅިފަޅާއި ހުޅުމާލެއާ މި ތަންތަނާ އެކީގައި، މި ފުށިދިއްގަރުފަޅުގައި މި ހިއްކޭ ބިން ހިކިގެންދިއުމުން މާލޭގެ ރައްޔިތުންނަށް މި ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް ގެދޮރުގެ މައްސަލައަށް ތާއަބަށް އިރާދަކުރެއްވިއްޔާ، ދާއިމަށް އެ މައްސަލަ ހައްލުވެގެންދާނެ، ހައްލުކޮށްދޭނަން މިތަނުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގައި އުޅޭ އެހެން ހުރިހާ ރައްޔިތުންނަށް ވެސް ރަސްމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބޯހިޔާވަހިކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށާއި ރާއްޖޭގެ އެހެން ރަށްރަށުން ވެސް އެ ތަންތަނުން ގޯތިގެދޮރު ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބޭގޮތަށް ޕްލޭން ކުރެވިފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފުލެޓު ހިމެނޭގޮތަށް 65،000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ތަން އަޅުގަނޑުމެން މި ތަރައްގީކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަނޭޝަނަލް މިންގަނޑުން ކަނޑައެޅޭ ވަރަށް ހިއްކައިގެން. މެދަށް ތިން މީޓަރުގެ އުސްމިން، އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރުގެ އުސްމިން ހުންނާނެ. އެހެންވީމާ އިންޓަނޭޝަނަލް މިންގަނޑުތަކުން ބަލާއިރުގައި ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް މި ތަން ހިއްކިގެންދާނީ. އަދި އެއާއެކީގައި ކްލައިމެޓް އެޑަޕްޓޭޝަންގައި އަޅުގަނޑުމެން އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް އަޅުގަނޑުމެން ގާއިމުކުރާނީ، މި ތަން ޕްލޭންކުރެވިގެންދާނީ އެގޮތަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަސްމާލެ ވެގެންދާނީ ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާހައުލެއް ލިބިގެންދާ ތަނަކަށް ކަމަށާއި އަމާޒަކީ އެ ސިޓީއަކީ ޒީރޯ ކާބަން ސިޓީއަކަށް ހެދުން ކަމަށެވެ. އަދި އެ ތަނުގައި ދުއްވާ އުޅަނދުފަހަރުވެސް ތިމާވެއްޓާ ރައްޓެހި ފިއުލް ބޭނުންކުރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.