ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
އޭނާ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައިވަނީ މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓުގައި އާންމުކުރުމަށްފަހު އެތައް ދުވަހެއް ފާއިތުވެފައިވީ ނަމަވެސް، އެ ގޯތިތައް ލިބުނު ފަރާތްތަކާ ހަވާލުކޮށްފައިނުވާތީ، ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ގާނޫނީ ގޮތުން ހައްލެއް ހޯދައިދީ، އެފަދަ މައްސަލަތައް ތަކުރާރު ވެގެން ނުދާނެކަން ކަށަވަރު ކުރުމެވެ.
އެ ބިލުގައި ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަންވާނެ ކަމަށެވެ.
އަދި އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކޮށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2، ހުޅުމާލެ 3، ގުޅިފަޅު، ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީވެސް ވަނީ ދޫކޮށްފައެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބައެއް ބިންތައްވެސް ވަނީ ހަވާލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު