ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނުގެ ސަރުކާރުގައި ހިމެނޭ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ މެންޑޭޓުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި މިއަދު އެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވުމުން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައިވާ ގޮތަށް ވޯޓަށް އެހުމަށް މިއަދުގެ ޖަލްސާއަށް އޮތީ އެޖެންޑާކޮށްފައެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުގައި ހިމެނޭ މިނިސްޓްރީތަކުގެ މެންޑޭޓްތައް މަޖިލީހުން ފާސްކުރަން ހުށަހަަޅާފައި ނުވާތީ، އެ މަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ވަނީ އަލުން އަނބުރާ މިއަދު ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާލައިފައެވެ.

އަދި މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.