ރާއްޖޭގައި ތިބި ބިދޭސީ ލޭބަރުންގެ އަދަދުތައް އެނގެން ހުރި އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުގެ އެންމެ ފަހުގެ ރިޕޯޓުތައް އެ މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުންނާއި ވެބްސައިޓުން ޑިލީޓް ކުރި މައްސަލަ ތަހުގީގު ކުރަން އަންގާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

"އިކޮނޮމިކް މިނިސްޓްރީގެ ރަސްމީ އެއްވެސް ޓުވީޓެއް އަޅުގަނޑު އަންގައިގެން ޑިލީޓްކޮށްފައެއް ނުވާނެ. އެކަންކުރި ސަބަބު ތަހުގީގުކުރަން މިހާރުވާނީ އަންގާފައި،" އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބިދޭސީންނާ ގުޅޭ ރިޕޯޓު ޑިލީޓް ކޮށްފައި މިވަނީ، ބަންގްލަދޭޝް އިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް އިއްޔެ ސަރުކާރުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައި ވަނިކޮށެވެ.

ވަޒީފާއާބެހޭ ގާނޫނުގައި 65 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ގޮތުން އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ގެނެވޭނީ 100,000 މީހުންނެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން އެންމެފަހުން ހާމަކުރި ތަފާސްހިސާބުތަކުން އެނގެން އޮންނަ ގޮތުގައި ރާއްޖޭގައި 139،220 އަށްވުރެ ގިނަ ބަންގްލަދޭޝް ލޭބަރުން މަސައްކަތް ކުރެއެވެ.

ފައްޔާޒުގެ ފާޑުކިޔުންތަކާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ އެންމެ ފަހުގެ މައުލޫމާތު ދައްކާ ގޮތުން ރާއްޖޭގައި ތިބީ 90،946 ބަންގްލަދޭޝްގެ ލޭބަރުން ކަމަށެވެ. އަދި 139،000 އަށްވުރެ ގިނަ މީހުން ތިބި ކަމަށް އެކޮނޮމިކް މިނިސްޓްރީގެ ރިޕޯޓުން ދައްކަނީ ވޯކް ޕާމިޓް އެ އަދަދަށް ހުރުމުން ކަމަށާއި އެ ޕާމިޓް ކެންސަލް ނުކުރާހާ ހިނދަކު އެއީ އެކްޓިވް ވޯކް ޕާމިޓެއް ކަމަށް ދައްކާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ބަންގްލަދޭޝް މީހުން ގެންނާނީ ހާއްސަ ގޮތްތަކެއް ސިސްޓަމް ތެރޭގައި ގާއިމުކޮށްގެން ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ބަންގްލަދޭޝް އެމްބަސީއާވެސް ވާހަކަދައްކަވާފައިވާ ކަމަށާއި މީހުން ގެންނާނީ އެމްބަސީން އެޕްރޫވް ކުރާ ބަޔަކު ކަމަށްވެސް ވިދާޅުވިއެވެ.