ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނޭ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު އިތުރުކުރަން މިއަދު މަޖިލީހުން ފާސް މި ކުރީ ތިންވަނަ ފަހަރަށެވެ. މި ފަހަރު ދައުރު ދަންމާލަން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނޭ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމުމަށްޓަކައެވެ.
ވަޒީރުންނަަށް ރުހުން ދިނުމަށް ވޯޓަށް އަހަން މަޖިލީހުގެ، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި މައްސަލައަށް ވޯޓަށް އަހަން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އެ މައްސަލަ ނިންމައި ކޮމިޓީން މަޖިލީހަށް ފޮނުވި ކޮމިޓީ ރިޕޯޓުގައި މަޖިލިސް ގަވާއިދުގައި ބުނާ ކަންތައްތައް ފުރިހަމަނުވާތީ މަޖިލިސް ރައީސް ވަނީ އެ ރިޕޯޓް އަލުން އަނބުރާ ކޮމިޓީއަށް ފޮނުވައިފައެވެ.
އެހެންކަމުން މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ރިޕޯޓް ކޮމިޓީން ނިންމައި އަލުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމުމަށް ޖަލްސާގެ ތިންވަނަ ދައުރު އިތުރުކުރަންޖެހޭ ކަމަށެވެ.
އެ ނިންމެވުމާ އެއްގޮތަށް މަޖިލީހުގެ ތިންވަނަ ދައުރު މި މަހުގެ 28 އަށް ދަންމާލަން މަޖިލީހުން ފާސްކުރީ އެ ވަގުތު ޖަލްސާގައި ތިއްބެވި 69 މެންބަރުންގެ ތެރެއިން 64 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މަޖިލިސް ގަވާއިދު ބުނާ ގޮތުން ތިންވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ، ކުރިއަށް އޮތް އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓް ފާސްކުރުމަށްފަހު ހިނގާ އަހަރުގެ ތިންވަނަ ދައުރުގެ ޗުއްޓީއަށްދާ ގޮތަށެވެ.
ނަމަވެސް މި އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރުކަމަށް ވުމުން، ކުރީގައި އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ހިނގައިދިޔަ ވަގުތުތަކާ ގުޅިގެން މަޖިލީހަށް ހުށަހެޅި 2024ގެ ބަޖެޓަށް ބަދަލުތަކެއް ގެންނަން ޖެހުމުން އެ މަސައްކަތް ވަނީ ދިގުލައިގެން ގޮސްފައެވެ.
އެހެންވެ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ ތިންވަނަ ދައުރު އިތުރުކުރަން ފާސްކުރިއެވެ. ނަމަވެސް އެ ދުވަހާ ހަމައަށްވެސް ބަޖެޓްގެ މަސައްކަތް ނިމިފައިނުވާތީ އާއި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާއި ބައެއް މުހިންމު ބިލުތައް ހުރުމުން މިއަދުގެ ނިޔަލަށް ދައުރު އިތުރުކުރަން މި މަހުގެ ހަތްވަނަ ދުވަހު ފާސްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު