ލ. އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ކުޅެވޭ ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އިހައްދޫ ސްކޫލާއި ލ. އިސްދޫ ސްކޫލް އެއްވަރުވި އިރު، ލ. އަތޮޅު ތައުލީމީ މަރުކަޒުން ލ. ކަލައިދޫ ސްކޫލް ކައިރިން ބޮޑު މޮޅެއް ހޯދައިފިއެވެ.

ގަމު ޒޯން ސްޓޭޑިއަމްގައި ރޭ ކުޅުނީ ގްރޫޕް ބީގެ ދެމެޗެވެ. ފުރަތަމަ މެޗުގައި އިސްދުއާއި އިހައްދޫ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އަދި އޭގެ ފަހުން ކުޅުނު މެޗުގައި އެންމެފަހުގެ ރަނަރަޕް ތައުލީމީ މަރުކަޒުން ކަލައިދޫ ސްކޫލް ކައިރިން މޮޅުވީ 6-0 ގެ ނަތީޖާއަކުންނެވެ.

އިސްދޫއާއި އިހައްދޫ ވާދަކުރި މެޗުގެ ހަތަރު ވަނަ މިނެޓުގައި އިހައްދޫން ލީޑު ނެގީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ތާއިއު އަބްދުލް ހަކީމް ޖެހި ހިލޭ ޖެހުމަކުންނެވެ. އޭގެފަހުން ހާފު ނިމުމުގެ ކުރިން އިސްދޫގެ ހޫދު އަހުމަދު ފަތުހީވެސް ވަނީ ހިތްގައިމު ހިލޭ ޖެހުމެއް ގޯލުގެ ކަނަށް އަމާޒުކޮށްލައި، އެޓީމަށް އެއްވަރު ކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެންވެސް މާ ގިނައިރެއް ނުވެ، އިހައްދޫން ލީޑު ނެގިއެވެ. އެ ގޯލު ޖަހައިދިނީ އާއިޝް އިބްރާހީމެވެ. އެ ގޯލާއެކު އިހައްދޫން މޮޅުވާން ދަނިކޮށް، އަނެއްކާވެސް އިސްދޫން އެއްވަރުކުރިއެވެ. އެ ގޯލު ޖެހީ އަހުމަދު އާނިސްއެވެ.

ތައުލީމީ މަރުކަޒުން ބޮޑު މޮޅެއް ހޯދި އިރު، މެޗުގެ ފުރަތަމަ މިނެޓުގައި އެޓީމަށް ގޯލު ހުޅުވާލަ ދިނީ އަހުމަދު ރިޔާނެވެ. ދެން މެޗުގައި ތައުލީމީ މަރުކަޒުން ޖެހި ގޯލުތައް ފެނުނީ ދެވަނަ ހާފުގައެވެ. އެ ހާފުގައި ގޯލުތައް ޖެހީ ފުރަތަމަ ގޯލު ޖެހި، މެޗުގެ މޮޅު ކުޅުންތެރިޔާ ރިޔާނާއި އަހުމަދު ސަޖުލް ޝުއައިބު، އަލީ އީމާން ހަމީދު އަދި މުހައްމަދު ރާޔިސް މުހުސިނެވެ.

މެޗުގައި ސަޖުލް ދެ ގޯލު ޖެހި އިރު، މިހާރު އޭނާއަކީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ސަޖުލް ވަނީ މިހާތަނަށް ފަސް ގޯލު ޖަހައިފައެވެ.

ރޭގެ މެޗުތަކާއެކު، ގްރޫޕް ބީގެ އެއްވަނައިގައި ލ. އަތޮޅު ތައުލީމީ މަރުކަޒު މިވަގުތު އޮތީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. އިސްދޫ ސްކޫލުން ދެވަނައިގައި އޮތީ ދެމެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގެ ތިންވަނައިގައި ދެމެޗުން ތިން ޕޮއިންޓާއެކު ދަނބިދޫ ސްކޫލް އޮތް އިރު، އިހައްދޫ ސްކޫލް ހަތަރުވަނައިގައި އޮތީ ދެމެޗުން ދެ ޕޮއިންޓާ އެކުގައެވެ. ކަލައިދޫ ސްކޫލް ގްރޫޕް ފުލުގައި އޮތީ ތިން މެޗުން ޕޮއިންޓެއް ނުލިބިއެވެ.

ލ. އަތޮޅު ކައުންސިލްގެ މިއަހަރުގެ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޝީޝާ ޕްރައިވެޓް ލިމިޓެޑެވެ. މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:15 ހަމަދު ސްކޫލް - މާމެންދޫ ސްކޫލް

20:30 ދަނބިދޫ ސްކޫލް - އިސްދޫ ސްކޫލް