ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނޭ މިނިސްޓްރީތަކުގެ ދާއިރާގައި ހިމެނޭ މަަސައްކަތްތައް މަޖިލީހުން ފާސްކުރަން ހުށަހަަޅާފައި ނުވާތީ، އެ މަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމާމެދު، މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށް މަޖިލިސް ޖަލްސާ މެދުކަނޑާލައިފިއެވެ.

ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވުމުން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައިވާ ގޮތަށް ވޯޓަށް އެހުމަށް މިއަދުގެ ޖަލްސާއަށް އޮތީ އެޖެންޑާކޮށްފައެވެ.

ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ކޮމިޓީ ރިޕޯޓުގައި އެދިފައި އޮތީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބުނާ ޝަރުތުތައް ވަޒީރުންގެ ކިބައިގައި ހަމަވާ ކަމަށް ކަނޑައަޅައި، ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް މަޖިލިސް ތަޅުމުގައި ވަކިވަކިން ވޯޓަށް އެހުމަށެވެ.

ނަމަވެސް މިއަދުގެ ޖަލްސާ ފެށުމާއެކު އެ މައްސަލައިގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ނިޒާމީ މައްސަލައެއް ނެންގެވިއެވެ. އޭނާ ވިދާޅުވީ، އެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ މަޖިލިސް ގަވާއިދުގެ 200 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

"އެއީ މަޖިލިސް ގަވާއިދުގެ 200 ވަނަ މާއްދާގެ (ވ)، (ރ)، (ކ) އަދި (އ) ގައި ބަޔާންކުރާ ހަމަތަކާ ހިލާފަށް އޮތް ރިޕޯޓެއް، ނުވަތަ އެ މާއްދާތަކުގައި ހިމެނޭ ކަންތައްތައް ފުރިހަމަ ނުވާ ރިޕޯޓެއްވީމަ އެއީ މިއަދު ވޯޓަށް އެހޭނެ ރިޕޯޓެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އާއި 200 ވަނަ މާއްދާގެ (އ) އަށް ބަލާއިރު ސަރުކާރުން އުފައްދަން ބޭނުންވާ ވުޒާރާތަކުގެ ދާއިރާތަކުގައި ހިމެނޭ މަސަައްކަތްތަކަކީ މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅަންޖެހޭ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް އެކަންތައް މަޖިލީހަށް ހުށަހަޅާފައިނުވާ ކަމަށް ވިދާޅުވިއެވެ.

"މި ސަރުކާރުން މިނިސްޓްރީތައް ގާއިމުކޮށް 30 ދުވަސް ވެފައިވާއިރު، މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައިނުވާތީ މެންޑޭޓް ދިރާސާ ނުކޮށް މިނިސްޓަރުންނަށް ރުހުން މި ދެނީ އެ ބޭފުޅުން ކޮން މަސްއޫލިއްޔަތުތަކެއް އަދާކުރުމަށް ނުވަތަ އަދާނުކުރުމުގެ ގާބިލިއްޔަތުކަން ހުރެގެން ނުވަތަ ނެތިގެން ކަން ރިޕޯޓުން ސާފުނުވާކަން އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮމިޓީއަށް އެ މަރުހަލާގައި މެންޑޭޓް ފޮނުވާފައި ނެތީމަ އެއީ ދިރާސާ ކުރެވޭނެ މައްސަލައެއް ނޫން، މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ (ރ)، (ކ) އަދި (އ) އަށް ބަލާއިރު (ރ)ގައި މަޖިލީހުގެ ރުހުމަށް އެދި ފޮނުވާ ކަމަކާ ގުޅޭ ގޮތުން ކޮމިޓީން އެ މާއްދާގައި ބުނާ ދެ ގޮތުގެ ތެރެއިން އެއް ގޮތަކަށް ނިންމަންވާނެ ކަމަށް ބަޔާންކޮށްފައި އެބަވޭ، އެއީ ރައްިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ރުހުން ދިނުމަށް ނުފެންނަ ކަމަށް، އަޅުގަނޑު ފާހަގަކުރަން އެޖެންޑާ ކުރެވިފައި މިވާ ރިޕޯޓުގައި ދެ ގޮތުން ކުރެ ގޮތަކަށް ނިންމައި ކޮމިޓީ ރިޕޯޓުގައި ހިމަނާފައިނުވާކަން،" ހިސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގައި ވޯޓަށް އެހޭނީވެސް އެ ދެ ގޮތުންކުރެ ގޮތަކަށް ނިންމާފައިވާ ރިޕޯޓަކަށްކަން، މަޖިލިސް ގަވާއިދުގައި ބުނާ ކަމަށެވެ.

"މަޖިލިސް ގަވާއިދުގެ 200 ވަނަ މާއްދާގެ (އ) އިން އެނގޭ ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ބަޔާންކޮށްފައިވާ ރިޕޯޓަކަށްކަން ރައީސަށް ވޯޓަށް އެހޭނީ، އެހެންކަމުން އެ ރިޕޯޓުގައި މި ދެ ގޮތުންކުރެ ގޮތަކަށް ބަޔާންކޮށްފައި ނެތްއިރު ރައީސަށް އެ ރިޕޯޓަށް ވޯޓަށް އެހޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެެއް ނުކުރެވޭ،" ހިސާން ވިދާޅުވިއެވެ.

މި ނިޒާމީ މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް ކޮމިޓީން ފޮނުވި ރިޕޯޓު ތައްޔާރުކޮށްފައި ވަނީ މަޖިލިސް ގަވާއިދުގެ 200 ވަނަ މާއްދާއާ އެއްގޮތަށް، ނޫން ކަމަށްވާތީ، ހިސާންގެ ނިޒާމީ މައްސަލަ ބަލައިގަންނަ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލިފުށީ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރަޝީދު ހުސެއިން އާއި މައިނޯރިޓީ ލީޑަރު ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާ މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތަށް މަޖިލިސް ރައީސް ނިންމެވުމުންވެސް، ހިސާންގެ ނިޒާމީ މައްސަލައަށް ރައްދު ދެއްވައި ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ނިޒާމީ މައްސަލަ ނެންގެވިއެވެ.

އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އަމަލު ކުރެވޭނެ ކަންތައްތަކުގެ ވާހަކަ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މުއައްސަސާތައް އުފެއްދުމާއި މަގާމުތައް އުފެއްދުން ހިމެނޭ ކަމަށާއި މަޖިލީހުން ކަމެއް ހުއްޓުވަން ޖެހޭނީ އެއާ އެއްގޮތަށް ކަންތައް ކޮށްފައިނުވާނަމަ ކަމަށްވެސް ވިދާޅުވިއެވެ.

"ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން ވަޒީރުންނަށް ރުހުން ދިނުމަށް ފޮނުވާފައިވާ މައްސަލަ އެހެން ކަމަކާ ގުޅުވައިގެން ހުއްޓުވޭނެ ކަމަށް ގަބޫލެއް ނުކުރަން، މިނިސްޓްރީތަކުގެ މެންޑޭޓް މަޖިލީހަށް އަންގަން އޮންނަނީ އެ ނާއްގައި ސަރުކާރު ކުރިއަށް ގެންދާކަމަށް ކަނޑައެޅުމުގެ ޖާގަ އެއްވެސް ހާލެއްގައި އޮތް ކަމަށް ގަބޫލެއް ނުކުރަން، އެއާ ގުޅިގެން ވަޒީރުންނަށް ރުހުން ދިނުމުގެ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް،" އާމިރު ވިދާޅުވިއެވެ.

ނަމަވެސް އަސްލަމް ވިދާޅުވީ، އެ މައްސަލައިގައި އޮތް ކަންބޮވުންތައް ނިޒާމީ މައްސަލަ ނަންގަވައިގެން ހިސާން ވަރަށް ރަނގަޅަށް އޮޅުންފިލުއްވައި ދެއްވައިފި ކަމަށެވެ. އެހެންކަމުން ނިޒާމީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލައިގަނެ، މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރެއްވުމަށް ފަސް ވަރަކަށް މިނެޓަށް ޖަލްސާ މެދުު ކަނޑުވާލައްވަން ނިންމަވާކަމަށް ވިދާޅުވެ ޖަލްސާ މެދުކަނޑުއްވައިލެއްވިއެވެ.