ހުރަވީ ދުވަސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަކުރުމަށް ސަރުކާރުން ހިންގަވާ ހަރާކާތްތަކުގެ ތެރޭގައި ހިމެނޭ ހުރަވީ ދުވަހުގެ ހާއްސަ މައުރަޒު "ދޮންބަންޑާރައިންގެ ހަނދާނީ މައުރަޒު" ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ދޮންބަންޑާރައިންގެ މައުރަޒަކީ ހުރަވީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީ އާއި ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒު ގުޅިގެން މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ހާއްސަ މައުރަޒެއް ކަމަށެވެ.
ދޮންބަންޑާރައިންގެ މައުރަޒުގައި ބަހައްޓާފައިވާ ތަކެތީގެ ތެރޭގައި ދޮންބަންޑާރައިންނަށް ނިސްބަތްވާ ބައެއް އާސާރުތަކާއި، އިހުގައި ބޭނުންކޮށްފައިވާ ބައެއް ހަތިޔާރުތައް ހިމެނެއެވެ. ދޮންބަންޑާރައިންނަށް ނިސްބަތްވާ ބައެއް އާސާރުތަކުގެ ތެރޭގައި ފަގުޑިކޮޅާއި، ބޭނުންކުރެއްވި ލޮންސިކޮޅާއި، ދޮންބަންޑާރައިންގެ ރަސްކަމުގައި ޖެއްސެވި ފައިސާފޮތިކޮޅުތައް ހިމެނެއެވެ. އަދި މަލާބާރީން މާލެ އަރައި ހިންގި ކަންކަމާ ބެހޭ ހަލާސާ މައުލޫމާތުތައް ހިމެނޭ ލޯ ފަތްކޮޅެއްވެސް މައުރަޒުގައި ވަނީ ބަހައްޓައިފައެވެ.
އެ މައުރަޒު ހުޅުއްވައިދެއްވުމަށްފަހު، ފަސްޓް ލޭޑީ ވަނީ މައުރަޒު ބައްލަވައިލައްވައި މައުރަޒުގައި ހިމެނޭ އާސާރުތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވައިފައެވެ. އެކަމަނާ ވަނީ ދާރުލްއާސާރުގެ އިތުރު ކަލެކްޝަންތައް ހިމެނޭ ތަންތަނަށް ވެސް ޒިޔާރަތްކުރައްވައި އެ ކަލެކްޝަންތަކާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު