ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ވަޒީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވޯޓަށް އަހަން އެޖެންޑާކޮށްފިއެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، ވަޒީރުންނަށް ރުހުން ދިނުމާ ބެހޭގޮތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެކަން ނިންމައި މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓުގައިވާ ގޮތަށް ކުރިއަށް ގެންދިއުމަށެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނާ ޝަރުތުތައް ރައީސް މުއިއްޒު އައްޔަން ކުރެއްވި ވަޒީރުންގެ ހަމަވާ ކަމަށް ކަނޑައަޅައި، މިމަހުގެ 10 ވަނަ ދުވަހު އެ ކޮމިޓީން ނިންމާފައިވަނީ، ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް މަޖިލިސް ތަޅުމުގައި ވަކިވަކިން ވޯޓަށް އެހުމަށެވެ.

ރުހުން އޮތްތޯ ބެލުމަށް މާދަމާ ވޯޓަށް އަހާއިރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ހަމަ އެއާއެކު ވަޒީރުންނަށް ރުހުން ނުދޭން ބައެއް ފަރާތްތަކުން މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތަކެއްވެސް ވަނީ ފެތުރެން ފަށައިފައެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލު ކުރުމުގެ ތަރުތީބުތަކެއް ކަނޑައަޅައި މަޖިލީހުގެ އާއްމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަށް ވޯޓަށް އެހުމަށްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. އެ އިސްލާހު މަޖިލީހުން ފާސްކޮށްފި ނަމަ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްހުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން މިހާރަށްވުރެ މާބޮޑަށް ފަސޭހަ ވެގެންދާނެއެވެ.