ކުރިއަށްއޮތް މާލޭ ސިޓީ ކައުންސިލުގެ ބައި އިލެކްޝަންގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އެއް ބޭފުޅަކީ ސަރުކާރުގެ ބޮޑެތި ގިނަ ކުންފުނިތަކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު އަދާކުރެއްވި އާދަމް އާޒިމެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާޒިމަކީ، ފާއިތުވެދިޔަ އަހަރުތަކުގައި އެންމެ ބޮޑަށް ނަން ފަވާލެވިގެންދިޔަ ސީއީއޯ ނުވަތަ ކުންފުނީގެ ހިންގުންތެރިޔާއެވެ.

އާޒިމް އެންމެ ފުރަތަމަ އިސް ސަފުން، ފެނިގެންދިޔައީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައެވެ. އެސްޓީއޯއާ ހަވާލުވެވަޑައިގެން އާޒިމް ވަނީ އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ ބޭސްފިހާރަތައް ހުޅުވައި، ދުވަހަކުވެސް އޭރުގައި އެސްޓީއޯގެ ފައިދާ ނާރާ ވަރަށް ކުންފުންޏަށް ފައިދާ ހޯއްދަވައިދެއްވައިފައެވެ.

އެއަށްފަހު އާޒިމް ދެން ފެނުނީ ފެން ކުންފުނި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. އެއީ ރާއްޖޭގެ މަގުތަކުން ނަޖިސް އަރާ މައްސަލަ ބޮޑު ދުވަސްވަރެއް ކަމުން، އާޒިމް އެންމެ އިސްކަމެއް ދެއްވައިގެން އޭރު ކުރެއްވި މަސައްކަތަކީ އެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމުގެ މަސައްކަތެވެ. އެއާއިއެކު މާގިނަ ދުވަސްތަކެއް ނުވެ، އާޒިމް ވަނީ އެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވައި، މާލޭގެ ރައްޔިތުންނަށް ސާފުތާހިރުކޮށް އުޅެވޭނެ ގޮތް ހައްދަވައިދެއްވައިފައެވެ.

އާޒިމްގެ ނަން އެންމެ ބޮޑަށް ފަވާލެވުނީ އެމްޓީސީސީ ހަމަޔަކަށް އެޅުވުމަށް، އެ ކުންފުނީގެ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވި ހިސާބުންނެވެ. އެމްޑަބްލިޔުއެސްސީގެ ކުރެއްވި ކާމިޔާބު މަސައްކަތްތަކާ އެކު، އެމްޓީސީސީއަކީ ބޮޑުތަނުން ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުމަށް އާޒިމްއާ ކުންފުނި ހަވާލުކުރެއްވީ ވެސް ރައީސް ސޯލިހެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުން ދިވެހިންނަށް މިއަދު އެންމެ ބޮޑު އިންގިލާބީ ބަދަލު ފެންނަން އޮތް ކަމަކަށް ފާހަގަކޮށްލެވޭނީ އާޒިމްގެ ސީއީއޯކަމުގައި ކުރެއްވި މަސައްކަތެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިން މިހާރު ބައެއް ރަށްރަށުގައި ބަހުގެ ހިދުމަތް ލިބިގެންދެއެވެ. ގިނަ ރަށްތަކަކަށް މިހާރު އެންމެ ފަސޭހަކަމެއް ލިބިގެންދާ ފެރީގެ ހިދުމަތަކީ ވެސް އެ މަސައްކަތުގެ ތެރެއިން ތައާރަފުކުރި ހިދުމަތެކެވެ.

ދިވެހި ރައްޔިތުންނަށް މީގެ ކުރިން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ބޮޑު ހަރަދެއް ކުރަން ޖެހުމެވެ. އެ ސަރަހައްދެއްގެ އެއާޕޯޓަށް ދަތުރުކުރުމަށް އެތައް ހާސް ރުފިޔާއަކުން ކުރާން ޖެހުނު ހަރަދު މިހާރު ވަނީ ބޮޑުތަނުން ކުޑަވެފައެވެ. މިހާރު އެ ދަތުރުތަކަށް އެންމެ ގިނަވެގެން ހަރަދުކުރަން ޖެހެނީ 100 އެއްހާ ރުފިޔާއެވެ.

އާޒިމްގެ އެ މަސައްކަތާއެކު މިހާރު ދިވެހީން އެންމެ އިތުބާރުކުރާ އެއް ކުންފުންޏަކީ އެމްޓީސީސީއެވެ. ކުރީ ސަރުކާރުގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަސައްކަތްތަކުގެ ދަށުން ގިނަ ރަށްތަކެއްގެ ބަނދަރުތަކުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން އެއާޕޯޓުތަކުގެ މަސައްކަތްތައް ވެސް ބާރު ސްޕީޑެއްގައި އެމްޓީސީސީން ގެންދިޔައީ ނިންމަމުންނެވެ. އޭގެ އިތުރުން އެމްޓީސީސީގެ ތާރީހުގައި ވެސް ނުހޯދޭ ވަރުގެ ބޮޑު ފައިދާ އާޒިމްގެ ސީއީއޯ ކަމުގައި އެ ކުންފުންޏަށް ވަނޯ ހޯއްދަވައިދެއްވައިފައެވެ.

"ކުރީން ގެއްލުމުގައި ހިންގި އެމްޓީސީސީ، އަޅުގަނޑު އެތަނުން ނުކުތް އިރު، އެވްރެޖުކޮށް އަހަރަކު 200 މިލިއަން ރުފިޔާގެ ފައިދާ އެދަނީ ވަމުން. އެއީ އަޅުގަނޑުމެން ގަބޫލުކުރާގޮތަކީ، ހަވާލުކުރާ ކަމެއް ނިންމާފަ އަންނަ އިރު އެއަށްވުރެ ރަނގަޅު ތަނެއްގެ ގޮތުގައޭ ހަވާލުކުރަން ޖެހޭނީ. އަދި ހަމައެއާއެކު ދެ ބިލިއަން ރުފިޔާގެ އެސެޓް ހުރި އެމްޓީސީސީގައި. އަޅުގަނޑު ނުކުތް އިރު، ފަސް ބިލިއަން ރުފިޔާގެ އެސެޓް ހަވާލުކޮށްފަ ނުކުތީ. އެއް ބިލިއަން ރުފިޔާ އާމްދަނީ ރަނގަޅަށް ނުލިބޭ، މިމަހު ރަނގަޅަށް މަސައްކަތްކޮށްފިއްޔާ ތިން ބިލިއަންގެ އާމްދަނީގެ ރިޕޯޓެއް އާންމުކުރާނެ، އެއީ އަޅުގަނޑު،" މޭޔަރުކަމުގެ ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވިއެވެ.

އެސްޓީއޯ އާއި އެމްޑަބްލިޔުއެސްސީ އަދި އެމްޓީސީސީއަށް ގެންނެވި ކުރިއެރުމުގެ އިތުރުން މާލޭ ސިޓީއަށް ވެސް އެ ކުރިއެރުމާއި ތަރައްގީ ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އާޒިމް ދެއްވައެވެ. މާލޭގެ މޭޔަރުކަމަށް އާޒިމް ނުކުންނަވަނީ ގިނަ ވައުދުތަކަކާ ވެސް އެކުގައެވެ.

އާޒިމްގެ އެއް ކަންބޮޑުވުމަކީ މިހާރު ކައުންސިލަށް ލިބޭ ފައިސާއެއް، ކުރާ ހަރަދެއް، ބިމުގެ ތަފްސީލުތައް ރައްޔިތުންނަށް ނޭނގުމުގެ ކަންބޮޑުވުމެވެ. އާޒިމްގެ މޭޔަރުކަމުގައި އެ މައްސަލައަށް ހައްލެއް ގެނެސް، ރައްޔިތުންގެ މުދަލާއި ފައިސާގެ ތަފްސީލުތައް ހާމަކުރައްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.

"ރައްޔިތުންނަށް ރައްޔިތުންގެ އެއްޗެހި ހުރީ ކޮންތަނެއްގައިކަން އެނގެން ޖެހޭނެ، ކީއްތޯ ކުރަނީ އެނގެން ޖެހޭނެ، ލިބެނީ ކޮން އެއްޗެއްތޯ އެނގެން ޖެހޭނެ. އަޅުގަނޑު އާދަމް އާޒިމް ކައުންސިލާ ހަވާލުވެ، ފުރަތަމަ މަހުވެސް އެތަނަށް ލިބޭ އާމްދަނީއާއި އެތަނުގެ ހަރަދާއި އެތަނުގެ ބިމުގެ ތަފްސީލާއި އެގްރިމެންޓްތަކުގެ ތަފްސީލާއި މި ހުރިހާ އެއްޗެއް ރައްޔިތުންނަށް ހާމަކުރާނަން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި، ކަމެއް ކުރިއަރުވާ ކަމަށް ވާނަމަ، ރައްޔިތުންގެ ލަފާ ހޯދަން ޖެހޭނެއެވެ. އެކަމަށްޓަކައި ކައުންސިލާ ހަވާލުވެ، މަދުވެގެން ތިން މަހުން އެއްމަހު ޓައުންހޯލް ބައްދަލުވުންތައް ބާއްވާނެ ކަމަށާއި މަސައްކަތްކުރައްވާނީ ރައްޔިތުންގެ ލަފާ ހޯއްދަވައިގެން ކަމަށް ވިދާޅުވިއެވެ. އަދި ހިދުމަތް ހޯދުމަށް ރައްޔިތުން އާދޭސްކުރަން ނުޖެހޭ ގޮތަށް އިންތިޒާމު ހަމަޖަސަވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

"އަޅުގަނޑު ކައުންސިލާ ހަވާލުވެ، ރައްޔިތުން އާދޭސްނުކޮށް ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނަން. ވަލު ދޮރާށިން ވަދެގެން ކަންތައް ކުރާ އުސޫލު އަޅުގަނޑުމެން ނައްތާލާނަން. މިހާރު މި އޮންނަ ގޮތަކީ ވެރިންގެ މުހިންމުކަން ދައްކަންވެގެން، ވެރިންނަށް ގުޅައިގެން ނޫނީ ނުވަތަ ވެރިންނަށް ކޮންމެވެސް އެއްޗެއް ދީގެން ނޫނީ ކަމެއް ނުކުރެވޭ މާހައުލެއް ސިޓީ ކައުންސިލުގަ ގާއިމުކުރެވިފަ މިއޮންނަނީ. އަޅުގަނޑުމެން ގާއިމުކުރަން މި އަންނަ އެޑްމިނިސްޓްރޭޝަނަކީ އެއްވެސް ހާލަތެއްގައި އެއްވެސް މީހަކަށް ގުޅައިގެން ކަންތައް ކުރަން ޖެހޭ ހާލަތެއް ނޫން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި މައްސަލަތަކަށް ހައްލު ގެނެސް، ރަނގަޅު ނިޒާމެއް ކަނޑައަޅައި، އެ ނިޒާމުގެ ތެރެއިން ތިބޭފުޅުންނަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނަން،" އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް އަދި މާލޭގެ ރައްޔިތުންނަށް ވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯއްޗާއި ހައުސިން ޔުނިޓުތައް ދޫކުރުމަށް ނިންމާފައިވީ ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މަސައްކަތް ހުއްޓާލަން އެންގުމުން، އެކަމަށް ވަނީ ހުރަސްތަކެއް އެޅިފައެވެ. އެކަމަށް ވެސް ހައްލެއް ހޯއްދަވައިދެއްވުމަށް އާޒިމް ވަނީ ވައުދުވެވަޑައިގެންފައެވެ.

"އަޅުގަނޑު މާލޭގެ ރައްޔިތުންނަށް ދޭ ޔަގީންކަމަކީ ތިބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފަ ހުރި ހުރިހާ ބިންތައް އެ ދިން ތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އަޅުގަނޑު ކުރަން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަމޭ،" ގޯތިތައް ލިބުނު މީހުން މަގުމައްޗަށް އުކާލާފައިވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން އާޒިމް ވަނީ ޕާކިން މައްސަލަތައް ހައްލުކޮށްދެއްވައި، މާލޭ ސަރަހައްދުގައި ޕާކުތަކެއް ތަރައްގީކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މީގެ ކުރިން ކައުންސިލުން ފައިސާ އިސްރާފުކުރާ ގޮތަށް ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ.

"އަޅުގަނޑެއް އަނެއްކާ މިތަނުގައި ފެނާއި ނަރުދަމާ އަޅާކަށް ނޫޅޭނަން، އަޅުގަނޑެއް އަނެއްކާ މިތަނުގައި ބަސް ދުއްވާކަށެއް ނޫޅޭނަން. އަޅުގަނޑެއް އަނެއްކާ މިތަނުގަ ކަރަންޓުލާކަށް ނޫޅޭނަން. އެއީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން. އިސްރާފުކުރާ އެއްވެސް ކަމެއްގައި އަޅުގަނޑުމެން ބައިވެރިއެއް ނުވާނަން. އެމްޑީޕީއަކީ ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް އުފާވެރިކަން ހޯދައިދޭން އައިސް އޮތް ޕާޓީ. އަބަދުވެސް ބުނަމުންދަނީ ކޮރަޕްޝަނާއި ވައްކަމާ، ތިމަންނާމެން ދެކޮޅޭ،" އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތްދެމުންދަނިކޮށް، ސިޓީ ކައުންސިލުން ގެންދިޔަ ބަގީތަކުގެ ބޭނުން ހިފިފައި ނުވާތީ އެކަމަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވިއެވެ.

އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުން އޭނާއާ ދޭތެރޭގައި ޝައްކު ކުރަން ޖެހޭ ސަބަބެއް ނޯންނާނެއެވެ. އާޒިމްގެ އަމާޒަކީ ރައްޔިތުން ހަވާލުކުރާ ކަމެއް ފިސާރި ރަނގަޅަށް ކުރައްވައި ނިންމެވުމެވެ. ބޭނުންވަނީ މިއަށްވުރެ މާ ސަޅި، މާ އުފާވެރި، އުޅޭ ހިތުން އުޅޭ މާލެ ސިޓީއެއް ހޯއްދަވައިދެއްވުން ކަމަށް އޭނާ ވިދާޅުވެއެވެ.