ކުވޭތުގެ އަމީރު އައްޝައިހް ނަވާފް އަލްއަހުމަދު އަލްޖާބިރު އައްސަބާހު އަވަހާރަވުމާ ގުޅިގެން އެ މަނިކުފާނުގެ މައްޗަށް ރާއްޖޭގައި ކަށުނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުވެއިތުގެ އަމީރުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާ ރޭ އިޝާ ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ. އަދި އެ ނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައިވެއެވެ.

ކުވެއިތުގެ ޑިފެންސް މިނިސްޓަރުކަމާއި ދާހިލީ މިނިސްޓަރުކަންވެސް ކުރެއްވި ޝައިހް ނަވާފް އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު، އުމުރުފުޅަކީ 86 އަހަރެވެ.

ޝައިހް ނަވާފް އަވަހާރަވުމާ ގުޅިގެން މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ވަނީ ހަމަޖައްސަވައިފައެވެ.