ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހާ ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހުރަވީ ދުވަހުގެ ގައުމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިސްލާމީ މަފުހޫމަކުން ބަލާނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން ކަމަށާއި ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.

އެ ގޮތުގައި ދެމި ހުންނަވާނެ ކަމަށާއި ދިވެހި މުޖުތަމައު ފަސާދަކުރާ ހުރިހާ އިޖުތިމާއީ ބަލިމަޑުކަމެއްގެ ޖަރާސީމު ނައްތާލަން ގަދަ އަޅައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް ކަމަށާއި އެ ކަންކަން މަނާކުރުމަކީ ގާނޫނުންނާއި އިސްލާމް ދީނުން ވެރިޔާގެ މައްޗަށް ލާޒިމުވާ ކަމެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހާ ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން. މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައި. ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި ބަހަރަނާ ސައިޓުތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލައި މީހާ ލޮޑުކޮށްލާ ކަމެއް ކަމަށާއި އެއީ މީހާގެ އުފެއްދުންތެރިކަން މަރާލައި ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކޮށްލާ ކަމެއް ކަމަށެވެ.