ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަހުމަދު އަލްޖާބިރު އައްސަބާހު އަވަހާރަވުމާ ގުޅިގެން ތިން ދުވަހަށް ރާއްޖޭގެ ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ޝައިހް ނަވާފް އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު، އުމުރުފުޅަކީ 86 އަހަރެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ބުނީ، މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.

ޝައިހް ނަވާފު ކުވެއިތުގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މަނިކުފާނުގެ އެއްބަނޑު އެއްބަފާ ބޭބެ ޝައިހް ސަބާހު އަލްއަހުމަދު އަލްޖާބިރު އަލްސަބާހު އުމުރުފުޅުން 91 އަހަރުގައި އަވަހާރަވުމާ ގުޅިގެންނެވެ.

ޝައިހް ނަވާފު ވަނީ ކުވެއިތުގެ ޑިފެންސް މިނިސްޓަރުކަމާއި ދާހިލީ މިނިސްޓަރުކަންވެސް ކުރިން ކުރައްވައިފައެވެ