އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކަމާބެހޭ މައުލޫމާތު ދިނުމަށް އެމްޑީޕީން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެ ޕާޓީގެ ޗެއާޕާސަން އިދާރީ އިބްރާހިމް ވަހީދު (އިބްރޭ) މިއަދު ވިދާޅުވީ، މަޖިލިސް އިންތިހާބަށް އެމްޑީޕީ ޓިކެޓް ހޯދަން ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން މި މަހު 25 ވަނަ ދުވަހުގެ ހަވީރު 4:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ގާނޫނުގެ އަށްވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަވާ އެމްޑީޕީގެ ކޮންމެ މެންބަރަކަށްވެސް މަޖިލިސް އިންތިހާބުގެ ޕްރައިމަރީއަށް ކުރިމަތިލެވޭނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ، އެހެން ފަހަރުތަކާ ހިލާފަށް ކުށުގެ ރެކޯޑް ސާފުކުރުމުގެ އިތުރުން ހުރިހާ ކޯޓެއްގައި އެ މީހެއްގެ ކުށުގެ މައްސަލައެއް އޮތްތޯ މި ފަހަރު ބަލާނެ ކަމަށެވެ.

"މަޖިލީސް އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކުށުގެ ރެކޯޑުގެ އިތުރުން މީގެ ކުރިން ހުންނަންޖެހޭ ޝަރުތުތަކުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބަލަނީ މާލޭގައި ހުންނަ ސްޕީރިއާ ކޯޓާއި އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ކޯޓުގައި އެ މީހެއްގެ ދަރަނީގެ މައްސަލައެއް އޮތްތޯ، ނަމަވެސް މިހާރު ހުރިހާ ކޯޓުތަކެއް ބަލާ، އެހެންކަމުން ޑީޖޭއޭއަށް ފަސް ދުވަސް ބޭނުންވާތީ ޕްރައިމަރީއަށް ވާދަކުރާއިރުވެސް އެެއްވެސް ކޯޓެއްގައި މައްސަލައެއް އޮތްތޯ ބަލާފައި ހުށަހަޅަން ޖެހޭނެ،" އިބުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ޕްރައިމަރީ ބާއްވަންޖެހޭ ތަންތަނުގައި ޕްރައިމަރީ ބާއްވާނީ އަންނަ މަހުގެ 26 އަދި 27 ގައި ކަމަށާއި ދެ ދުވަހަށް ބަހާލައިގެން ޕްރައިމަރީ ބާއްވަން ނިންމީ އިދާރީ ގޮތުން އިންތިޒާމުތައް ފަސޭހަކުރަން ކަމަށެވެ. އަދި ޕްރައިމަރީގައި ވޯޓު ލެވޭނީ މިއަދާ ހަމައަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނޭ މީހުންނަށް ކަމަށްވެސް ވިދާޅުވިއެވެ.

"މި ސަރުކާރަކީ ޑިމޮކްރަސީއާ ވަރަށް ދުރު ސަރުކާރެއް، މާލޭ ސިޓީ މޭޔަރުގެ އިންތިހާބުގެ ކެމްޕެއިނަށް އަޅުގަނޑުމެން ދުއްވަން އުޅުނު ޕިކަޕްވެސް ފުލުހުން ވަނީ ހުއްޓުވާފައި، ޕްރައިމަރީ ބޭއްވޭނީ ސްކޫލްތައް ލިބިގެން މިހާރުވެސް މިވަނީ ރަށްރަށުގެ ސްކޫލްތަކާ އެށްކޮށް ސްކޫލްތައް ބޭނުންވާ ކަމަށް ހުށަހަޅާފައި. ނަމަވެސް އަދި ހަބަރެއް ނުވޭ، އެ ތަންތަން ނުދީފިނަމަ ވަރަށް ބޮޑަށް ދަތިވާނެ،" އިބުރޭ ވިދާޅުވިއެވެ.