މަދު ވަސީލަތްތަކާއެކު ވެސް ވިހަ ކެމިކަލްތައް އެކުލެވޭ ބޭސްތައް ހޯދުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)ގެ މަސައްކަތަށް ތައުރީފުކޮށްފިއެވެ.

ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ފާމިކްސް ލެބޯޓޮރީސް ޕްރައިވެޓް ލިމިޓެޑުން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ވިހަ ކެމިކަލްތަކެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހުރި ކަމަށް އެލާޓްކުރުމާއެކު އެމްއެފްޑީއޭ އިން ވަނީ ތަހުލީލުތަކަކަށްފަހު، މިދިޔަ މަހުގެ ތެރޭގައި އެ ބޭސްތައް މަނާކޮށްފައެވެ.

ޑަބްލިޔުއެޗްއޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފާމިކްސް ލެބޯޓްރީސް ލިމިޓެޑުން އުފައްދާ ދިޔާ ބޭސްތަކުގައި، ތަޣައްޔަރުވާ މާއްދާތައް 'ޑައިއެތިލިން ގްލައިކޮލް' އަދި 'އެތިލިން ގްލައިކޮލް' ދެނެގަތުމުގައި އެމްއެފްޑީއޭ އިން މަދު ވަސީލަތްތަކަކާއެކު ނަމޫނާ މަސައްކަތެއް ދައްކާފައިވާ ކަމަށާއި ރާއްޖެއަކީ މުޅިން އާ ސްކްރީނިން ގޮތްތަކެއް ބޭނުންކޮށްގެން ބޭސްތަކުން އެފަދަ ތަޣައްޔަރުކަން ހޯދި ފުރަތަމަ ގައުމު ކަމަށެވެ. އަދި ބޭސްތަކުގައި އެ މާއްދާތައް އެކުލެވޭކަން އެމްއެފްޑީއޭ އިން ދެނެގަނެފައިވަނީ "ތިން ލޭޔާ ކްރޮމަޓޮގްރަފީ (ޓީއެލްސީ)" ބޭނުންކޮށްގެންކަން ޑަބްލިޔުއެޗްއޯ އިން ފާހަގަކުރިއެވެ.

ޕާކިސްތާން ކުންފުނީގެ އެ ބޭސްތަކުން ފެނުނު މާއްދާތައް ކުޑަ މިންވަރަކަށް ވެސް ކުޑަކުދިން ބޭނުންކޮށްފި ނަމަ، ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށާއި އެ ބޭސްތަކުގައި ވިހަ ކެމިކަލްތަކެއް ހުރިކަން ފާހަގަކުރެވޭތީ އެކަން އެ ޖަމިއްޔާގެ ފަރާތުން އެހެނިހެން ގައުމުތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ރާއްޖޭގެ އިތުރުން އެހެން ހަތަރު ގައުމެއްގައި ވެސް އެ ބޭސްތައް ބޭނުންކުރަމުންދިޔަ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.

ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. ނަޒްނީން އަންވަރު ވިދާޅުވީ އެމްއެފްޑީއޭގެ އެ މަސައްކަތަކީ ދުނިޔޭގެ ސިއްހީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ކާމިޔާބީގެ ނިޝާނެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށާއި ސިއްހީ ކަންކަން ބަލަހައްޓާ އިދާރާތަކުން މަސައްކަތުގައި ދެމިތިބެ، އެ ގައުމެއްގައި ދަށް ފެންވަރުގެ އުފެއްދުންތައް ބޭނުންކުރާ ނަމަ، އެކަން އަވަހަށް އެންގުމަށް އިލްތިމާސްކުރާ ކަމަށެވެ.

ވިހަ ކެމިކަލްތަކެއް ބޭނުންކޮށްގެން ބޭސް އުފެއްދި ޕާކިސްތާން ކުންފުނީގެ ހުރިހާ އުފެއްދުމެއް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން އިއްޔެ އިން ފެށިގެން ވަނީ ދާއިމީކޮށް މަނާކޮށްފައެވެ.