ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 350 އަށް ވެސް ނާރާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ނިންމާލެއްވުމަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝަހީބު ވިދާޅުވީ، ސިޔާސީ މަގާމުތަކުގެ އަދަދު އިއްޔެ ބަލާފައިވާ ކަމަށާއި އަދި ސިޔާސީ މަގާމުތަކުގެ އަދަދު 50 ޕަސަންޓަށް ވެސް ނާރާ ކަމަށެވެ.

"ރައީސް ވިދާޅުވެފައި ވަނީ ސިޔާސީ މަގާމުތައް 700ގައި ހިފަހައްޓަވާނެ ކަމަށް. އަޅުގަނޑު އެންމެ ފަހުން އިއްޔެ ބެލި އިރުގައި އެ އަދަދު 50 ޕަސަންޓަށް ވެސް ނާރާ،" ޝަހީބު ވިދާޅުވިއެވެ.

އިންތިގާލީ މަރުހަލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހާރު ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފާ ޕަބްލިކް ޕޮލިސީގެ މަގާމުގައި ހުންނެވި މުހައްމަދު ފިރުޒުލް ވިދާޅުވެފައިވަނީ ސަރުކާރުގެ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ.

"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ މިވަނީ، ސަރުކާރު އެކުލަވާލުމުގައި ސިޔާސީ މަގާމުތަކާ ގުޅޭގޮތުން މުހިންމު ނިންމުމެއް ނިންމަވާފައި. އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަށް،" ފިރުޒުލް ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ސިޔާސީ މަގާމުތަކުގެ ގޮތުގައި 808 މީހަކު މަގާމުތަކަށް އައްޔަންކޮށްފައެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 1،063 އެވެ.