ކުރީ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން އިމާރާތްކުރަމުންދާ 4000 ހައުސިން ޔުނިޓުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްގެންގެސް ނިންމުމަށްފަހު ފްލެޓު ލިބުނު ރައްޔިތުންނަށް އެ ފްލެޓުތައް ހަވާލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އަމާން ދޯދީގެ އެކްޕީރިއަންސް ޔުނިޓުތައް ރަސްމީކޮށް އިފްތިތާހުކުރުމަށް އަމާން ދޯދި ޓަވަރު 16ގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެފްޑީސީގެ އާ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ހައުސިން ޔުނިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ.
ޝަކީލް ވިދާޅުވީ އެފްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 4000 ހައުސިން ޔުނިޓު ނިންމުމަށް ހާއްސަ އިސްކަމެއް ދޭ ކަމަށާއި އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި، ހައްގުވެރިންނަށް އެ ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަނީ 4,000 ފްލެޓެވެ. އެ މަސައްކަތް އެފްޑީސީން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާ އެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.
ކުރީ ސަރުކާރުން އެ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓު އިއުލާންކޮށް، ގުރު ނެގުމުގެ މަސައްކަތް ކުރިއަށްގެންދަނިކޮށް، އޭސީސީން ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެ މަސައްކަތް ހުއްޓާލުމަށް އަންގައިފައެވެ. އެހެންކަމުން އޭސީސީން މައްސަލަ ބަލަމުންދާތީ އަދިވެސް ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް އޮތީ ހުއްޓާލައިފައެވެ.
އިއްޔެ އިފްތިތާހުކުރި "އަމާން ދޯދި" އެކްސްޕީރިއަންސް ޔުނިޓުތަކާ ގުޅޭގޮތުން އެފްޑީސީން ބުނީ އެ ޔުނިޓުތައް އާންމުންނަށް ހުޅުވާލުމުގެ މަގުސަދަކީ ފްލެޓުތައް ހަވާލުކުރުމުގެ ކުރިން، ޒަމާނީ ގެތައް ފަރުމާކުރެވޭނެ ތަފާތު ގޮތްތައް އާންމުންނަށް ދައްކުވައިދިނުން ކަމަށާއި އަދި ހެޔޮ އަގެއްގައި ދެމެހެއްޓެނިވި އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެ ކުންފުނިން ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ ކަމައް ކަމަށެވެ.
އަމާން ދޯދި އެކްޕީރިއަންސް ޔުނިޓުތައް އިއްޔެ ރަސްމީކޮށް އިފްތިތާހުކުރި އިރު، އަމާން ދޯދީގެ ހައުސިން ޔުނިޓުތައް ތަރައްގީކުރަނީ 16 ޓަވަރަށް ބަހާލައިގެންނެވެ. އެ ޓަވަރުތަކުގައި ހިމެނެނީ ދެ ކޮޓަރީގެ 650 އަކަފޫޓުގެ 600 ޔުނިޓާއި ތިން ކޮޓަރީގެ 900 އަކަފޫޓުގެ 1400 ހައުސިން ޔުނިޓެވެ.
އަމާން ދޯދި އެކްސްޕީރިއަންސް ޔުނިޓުތަކަކީ އެފްޑީސީ-އެންބީސީސީ ހައުސިން މަޝްރޫއުގެ ތެރެއިން ދޯދި ޓަވަރު 16ގެ ދެވަނަ ފަންގިފިލާގައި ހުންނަ ޔުނިޓުތަކެކެވެ. އެ ޔުނިޓުތައް އެފްޑީސީގެ އެކްސްޕީރިއަންސް ޔުނިޓް ބުކިން ޕޯޓަލް މެދުވެރިކޮށް ބުކް ކުރެވޭނެ ކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު