ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ޗައިނާއާއި ސްވިޒަލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނައިބު ރައީސް މާލެ ވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ. މި މަހުގެ ފަހެއްގައި ފެއްޓެވި އެ ދަތުރުފުޅުގައި އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ޗައިނާއަށެވެ. އެ ގައުމަށް ވަޑައިގެން "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ފޯރަމްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޗައިނާގެ ޔުނާން ޔުނިވަސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި އެ ދަރިވަރުންގެ ކަންބޮޑުވުންތައް އައްސަވާފައިވެއެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެ މަނިކުފާނު ސްވިޒަލެންޑަށް ވަޑައިގެންނެވީ މި މަހުގެ 10ގައެވެ. އެ މަނިކުފާނު އެ ދަތުރުފުޅުކުރެއްވީ އެ ގައުމުގެ ޖެނީވާގައި ބޭއްވި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ބައިނަލްއަގުވާމީ މުއާހަދާގައި ބައިވެރިވަޑައިގެންނެވުމަށެވެ.

އެ މުއާހަދާގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާފައިވާއިރު، އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ރާއްޖޭން ފަސް ކަމަކަށް ވައުދުވެފައި ވެއެވެ. އަދި އިސް ފަރާތްތަކާ ބައްދަލުކުރައްވާފައި ވެއެވެ.