މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ބިން ލިބުނު ފަރާތްތަކުގެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލުކުރަން ނިންމި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

"ރާއްޖެ އެމްވީ" އިން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި ފުށިދިއްގަރު ހިއްކުމަށްފަހު، ހުޅުމާލޭ ފޭސް ތިނަކުން ބިން ލިބިފައިވާ މީހުންގެ ބިންތައް ފުށިދިއްގަރުފަޅަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭ ފޭސް ތިނަކުން ބިން ލިބުނު ފަރާތްތަކުގެ ބިން ފުށިދިއްގަރުފަޅަށް ބަދަލުކުރުމަށް ނިންމި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކައި އެތަން ރަށެއްގެ ގޮތުގައި އާބާދުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅެވެ. ފުށިދިއްގަރުފަޅު ހިއްކުމަށް ސަރުކާރުން އެ މަޝްރޫއަށް 400 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ވަނީ އެ މަޝްރޫއު ބަޖެޓުން އުނިކޮށްފައެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، މިދިޔަ މަހުގެ 18 ވަނަ ދުވަހު މާފަންނު ގަޑިބުރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން އަލަށް ތަރައްގީކުރަން ނިންމާފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް މަހެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ފުށިދިއްގަރުފަޅު ހިއްކަން ފަށައި އަހަރެއްގެ ތެރޭގައި އެ ފަޅު ހިއްކައި ނިންމާލެވޭނެ ކަމަށާއި ފުށިދިއްގަރުފަޅު ހިއްކާނީ ސޭފް އައިލެންޑެއްގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކާއެކުގައި ކަމަށެވެ. އެގޮތުން މަދުވެގެން ތިން މީޓަރު އުހަށް ހިއްކައި ރިވެޓްމަންޓް ޖަހައި މޫސުމީ ބަދަލުތައް ކުޑަވާނެ ގޮތަށް އެ ފަޅު ހިއްކާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަކީ ކުރީގެ ސަރުކާރުން ވެސް ހިއްކަން ފަށާފައިވާ ގިރާވަރުފަޅާއި ގުޅިފަޅުގެ އިތުރަށް، މާލެ އަތޮޅުގެ ދެކުނުގައިވާ ފުށިދިއްގަރުފަޅު ހިއްކައިގެން 66،000 ގޯތި ދޫކުރުމެވެ. ފުށިދިއްގަރުން ދޫކުރުމަށް ހަމަޖެހިފައިވަނީ 11،970 ގޯއްޗާއި 26،500 ހައުސިން ޔުނިޓެވެ. އެއީ ތިން ކޮޓަރިއާއި ހަތަރު ކޮޓަރީގެ ހައުސިން ޔުނިޓުތަކެވެ.