ޗާގޯސް މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު، ދިވެހި ބަހަށް ތަރުޖަމާކޮށް، އެ ސިޓީގެ ބަހުސް އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮޮމިޓީ (241 ކޮމިޓީ) އިން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިއްރު ސިޓީއެއްގެ ގޮތުގައި އެސިޓީ ކޮމިޓީއަށް ފޮނުވާފައި އޮތް ނަމަވެސް، ކޮމިޓީން ނިންމީ އެކަމާބެހޭގޮތުން މަޝްވަރާކުރުން ހާމަކޮށްގެން ކުރިއަށްގެންދިއުމަށެވެ.
އެގޮތަށް ހާމަކޮށް ކޮމިޓީ ބައްދަކުވުން ކުރިއަށް ގެންދިއުމަށް ހުށހެޅުއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ. އޭނާ ވިދާޅުވީ އެއީ ސިއްރު ސިޓީއެއް ނަމަވެސް ކޮމިޓީ ބައްދަލުވުން ސިއްރު ނުކޮށް ކުރިއަށް ގެންދަން ހުށަހަޅުއްވާ ކަމަށެވެ.
އަލީ ނިޔާޒުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން މަޖިލީހުގެ ނާއިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ވީހާވެސް ހާމަކަން ބޮޑުކޮށް އެސިޓީއާބެހޭ ވާހަކަތައް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ. އެހެންކަމުން ކޮމިޓީބަހުސް ވެސް ކުރިއަށް ގެންދަން ޖެހޭނީ ރައްިތުންނަށް އެނގޭގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
އެ ހިސާބުން އެ މައްސަލައިގެ ބަހުސް ހާމަކަން ބޮޑުކޮށް ކުރިއަށްގެންދަން ކޮމިޓީން ފާސްކުރިއެވެ.
ނަމަވެސް އެ ސިޓީއަޖީ އިނގިރޭސިބަހުން އޮތް ސިޓީއަކަށްވާތީ، އެ ސިޓި ތަރުޖަމާކުރަންވެސް މެންބަރު ސަލީމް ހުށަހެޅުއްވިއެވެ.
އެގޮތަށް ހުށަހަޅުއްވަމުން ސަލީމް ވިދާޅުވި، އެ ސިޓިގެ ލަފްޒުތައް އެހާ ފަރިތަ ނޫން ކަމަށާއި، އެގައި ލީގަލް ޓާމުތަކެއް ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން ޖިލީހުގެ ކައުންސިލް ޖެނެރަލް އާއި އިދާރީ މުވައްޒަފުން މެދުވެރިކޮށް، މެންބަރުންނަށް ގަބޫލު ކުރެވޭ އެ ސިޓީގެ ދިވެހި ތަރުޖަމާއެއް ތައްޔާރު ކުރުމަށް ފަހު މައްސަލަ ދިރާސާކުރަން ފަށަން ހުށަހަޅުއްވާ ކަމަށް ސަލީމު ވިދާޅުވިއެވެ.
ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ސަލީމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި އެގޮތަށް ފާސްކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު