އިޒްރޭލުން ފަލަސްތީން ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ރައްޔިތުން ރާއްޖެ އައުން މަނާކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ދިރާސާ ކުރަމުންދާއިރު އެކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ސިޔާސަތުތަކާއި އެކަމުގައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް އޮޅުންފިލުވުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ހާރިޖީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހުށަހެޅުއްވި އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާމެދު ގޮތެއް ނިންމުމެވެ.

އެކަމާ ގުޅޭ ގޮތުން ފުރަތަމަ ވާހަކަދެއްކެވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ފަލަސްތީން ދައުލަތް ގާއިމުކުރުމަށާއި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އުދުވާނީ ހަމަލާތަކަކީ ރާއްޖޭން އަބަދުވެސް ކުށްވެރި ކުރަމުން އަންނަ ކަންތައްތައް ކަމަށެވެ.

އެހެންކަމުން ފަލަސްތީނާއި އިޒްރޭލާއެކު މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ސިޓީއެއް ފޮނުވައިގެން އޮޅުން ފިލުވަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ގަރާރެއް މަޖިލީހުން ފާސްކުރާއިރު އެއީ މަޖިލީހުގެ ރަސްމީ ނިންމުމެއްގެ ގޮތުގައި އެ ނިންމުން އިނގިރޭސި ބަހަށް ތަރުޖަމާކޮށް އިނގިރޭސި ވިލާތަށާއި ޔޫއެންގެ އިތުރުން ގުޅުން ހުރި އެފަދަ ފަރާތްތަކަށް ފިނުވަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފުގެ ހުށަހެޅުމަށް ތާއީދު ކުރައްވައި ވާހަކަދައްކަވަމުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވީ، އިޒްރޭލުގެ ފާސްޕޯޓް ބޭންކޮށް އެ ގައުމުގެ ރައްޔިތުން ރާއްޖެ އައުން މަނާކުރުމަށް ފާސްކޮށް އެކަމާބެހޭ ރެކަމެންޑޭޝަންތަކެއް ރައްޔިތުންގެ މަޖިލީހުގެ މިހާރުވެސް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން އެއްވެސް އެއްޗެއް ނުބުނާ ކަމަށާއި އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ގަރާރުގައި ފޮރިން ރިލޭޝަންސްއާ ގުޅޭ ކަންކަން ހިމެނޭތީ ކޮމިޓީއަށް ފޮރިން މިނިސްޓަރު ހާޒިރުކޮށް އެ ކަންކަމުގައި ސަރުކާރުގެ ސްޓޭންޑަކީ ކޮބައިތޯ ބަލައި، އެ ކަންކަން އޮޅުން ފިލުވުމަށް ހައިތަމް ހުށަހެޅުއްވިއެވެ.

ހައިތަމްގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވީ، ރާއްޖޭން ފަލަސްތިނާ ދޭތެރޭ ނިންމާފައިވާ ގޮތަކީ ކޮބައިތޯ އޮޅުންފިލުވައި އެކަންތައްތައް ކޮމިޓީ ރިޕޯޓުގައި ހިމަނަންޖެހޭ ކަމަށެވެ.

ނަމަވެސް ޕީއެންސީގެ ލީޑަރު ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަނީ މިނިސްޓަރު ޒަމީރު ކޮމިޓީއަށް ހާޒިރުކުރަން ވަރަށް ބޮޑަށް ދެކޮޅު ހައްދަވައިފައެވެ.

"ސަރުކާރުގެ ސްޓޭންޑް ވަރަށް ސާފު، މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީން އޮތުމަކީ ދިވެހިން އެދޭ ގޮތް ކަމަށް އެކިއެކި ފޯރަމްތަކުގައި ރައީސް ދެއްކެވި ވާހަކަތަކުގައި ވަނީ ވިދާޅުވެފައި، އެހެންކަމުން ފޮރިން މިނިސްޓަރު ހާޒިރު ކޮށްގެން އެއް ވާހަކައެއް ދަންކަން ބޭނުމެއްނުވޭ، މިކަމުގައި އޮތީ މަޖިލީހުން ދެކޭ ގޮތް ހާމަކުރުން،" ނާޒިމު ވިދާޅުވިއެވެ.

ނާޒިމް އެކަމަށް ދެކޮޅު ހެއްދެވި ނަމަވެސް ވޯޓަށް އަހައިގެން ފާސްވީ ފޮރިން މިނިސްޓަރު ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.