ރައީސް ޑރ. މުހައްމަދު މުއިއްޒު، ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުންނަށް ދެ ބޭފުޅަކު މިއަދު އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

އެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ފިނޭންސް މިނިސްޓަރު، މިހާރުގެ އިސްލާމިކް ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިކޮނޮމިކްސްގެ ޑީން އަހުމަދު މުނައްވަރާއި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައި ވަނީ އެކަމަށް ޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރައީސް އޮފީހުން ބުނީ، ނަސީރާއި މުނައްވަރު އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެއްވީ މިނިސްޓަރުންގެ ފެންވަރުގައި ކަމަށެވެ.

ނަސީރާއި މުނައްވަރަކީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން އެކުލަވައިލި ބަޖެޓް ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.