ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ހއ. އަތޮޅުގެ އިހަވަންދިއްޕޮޅު ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމި، އައިހެވަން މަޝްރޫއު މި ސަރުކާރުން ކުރިއަށްގެންދާނެ ކަމަށް އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އައިހެވަން މަޝްރޫއަކީ ރައީސް ޔާމީން ސަރުކާރުގެ އިގްތިސާދީ ތަސައްވުރުގައި ހިމެނުނު އެންމެ ބޮޑު މަޝްރޫއެވެ. އޭރުގެ އިގްތިސާދީ މިނިސްޓަރުގެ ގޮތުން އެ މަޝްރޫއު ހިންގުމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީވެސް ސައީދެވެ.
ޔާމީން ސަރުކާރު ބަދަލުވިއިރު އެ މަޝްރުއުގެ މާސްޓާ ޕްލޭން އޮތީ ނިމިފައި ކަމަށް ސަރުކާރުން އެއިރު ބުނެފައިވެއެވެ. އެކަމަށް ބޭނުންވާ އިންވެސްޓަރުން ހޯދަން އިއުލާންވެސް ކުރިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައިހެވަން މަޝްރޫއު އަލުން ކުރިއަށްގެންދިއުމާ ގުޅޭގޮތުން ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު ސައީދު ވިދާޅުވީ، އައިހެވަން މަޝްރޫއު މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
އިހަވަންދިއްޕޮޅުގައި އައިހެވަން މަޝްރޫއު ކުރިއަށް ގެންދަން މީގެ ކުރީގެ ހުރިހާ ސަރުކާރަކުން މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ މަޝްރޫއު ބްރޭންޑުކޮށް މަސައްކަތް ފެށީ 2014 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ. ބަންކަރިން އާއި ކޮމާޝަލް މަޝްރޫއުތައް ހިމެނޭގޮތަށް އެ މަޝްރޫއު އިހަވަންދިއްޕޮޅުގައި ވަރަށް ބޮޑުކޮށް ކުރިއަށް ގެންދާނެކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އައިހެވަން މަޝްރޫއުގެ އިތުރުން ރާއްޖޭގެ އުތުރުގައި ކުރިއަށްގެންދާ ހަނިމަދޫ އިންޓަނޭޝަންލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުންވެސް ސައީދު މިއަދު ވާހަކަ ދެއްކެވިއެވެ. މިދިޔަ ސަރުކާރުން ފެށި އެ މަޝްރޫއުވެސް ނުހުއްޓުވައި ކުރިއަށްގެންދާނެ ކަމަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އައިހެވަން މަޝްރޫއު ހިންގުމަށް އިހަވަންދިއްޕޮޅަކީ އެކަށީގެންވާ ތަނެއްތޯ ބެލުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާމްކަމުގައިވާ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕް، ބީސީޖީން އިހަވަންދިއްޕޮޅުގައި މީގެކުރިން ވަނީ ދިރާސާއެއް ވެސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު