މޯލްޑިވްސް ފުޑް އެންޑް ޑަރްގް އޮތޯރިޓީ (އެމްއެފްޑީއޭ)ގައި މަސައްކަތް ކޮށްދިނުމުގެ ފުރުސަތަކަށް އެދިވަޑައިގަތީ މުސާރަ ހިނގާ ގޮތަކަށް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި އިންޓަވިއެއްގައި މެޑަމް ސާޖިދާ ވިދާޅުވީ ފަސްޓް ލޭޑީގެ މަގާމު އަދާކުރައްވަމުން ވެސް ސީއެސްސީގައި މަސައްކަތްކުރެވޭނެ ހިތްވަރު އެބަހުރި ކަމަށެވެ. ފަސްޓް ލޭޑީ ވިދާޅުވީ އެކަމަނާ ސިވިލް ސާވިސްގެ ވަޒީފާގައި މަސައްކަތްކުރުމުގެ ފުރުސަތަކަށް އެދިވަޑައިގަތުމުން ބައެއް މީހުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެ ކަންބޮޑުވުންތަކަކީ އޭގެ ޒާތުގައި ރަނގަޅު ކަންބޮޑުވުންތަކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އަޅުގަނޑު އަސްލު އެދުނީ އަޅުގަނޑަށް ޕޭ ނުކޮށް އަޅުގަނޑަށް ހަމައެކަނި ޓެކްނިކަލް ކެޕޭސިޓީގަ، މިސާލަކަށް ކާބޯތަކެއްޗާ ގުޅޭ ސްޓޭންޑާޑުތައް ކަނޑައެޅުމާ، އެކަހަލަ މަސައްކަތްތައް އަޅުގަނޑު ހަމަ ކޮށްދީފާނަމޭ ފްރީކޮށް،" ސާޖިދާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ އެގޮތަށް މަސައްކަތްކުރުމުގެ ފުރުސަތަކަށް އެދިވަޑައިގަތީ އެމްއެފްޑީއޭގައި ކުރައްވަމުން ގެންދެވި މަސައްކަތް އަދިވެސް ކުރައްވާ ހިތްވާތީ ކަމަށެވެ. އެއީ އެކަމަނާ ވަރަށް ލޯބިފުޅުވާ މަސައްކަތެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.
"އެ މަސައްކަތާ ނުލައި އުޅެންވެސް އުނދަގޫ، ވަރަށް ޔަންގް އިރުއްސުރެ ފެށިގެން ސޭމް ވޯކް ކުރަމުން އައިސް، މި އެހެން އައީމަ ވަރަށް ބޮޑު އެޓޭޗްމެންޓެއް އޭގައި އެބަހުރި. ދެން އެހެންވީމާ އެ މަސައްކަތުގެ މިހާރު ޓެކްނިކަލް ލެވެލްގެ ވޯކް އެކަންޏޭ އަޅުގަނޑު ކުރަން ބޭނުންވަނީ. އަޅުގަނޑު ބޭނުމެއް ނޫން ހިންގުމުގެ، ނޫނީ އެހެން ކަމެއް، ނޫނީ ޑިސިޝަނެއް ނެގޭ ލެވެލްއެއްގެ އެއްވެސް ކަމެއް،" ސާޖިދާ ވިދާޅުވިއެވެ.
އެކަމަނާގެ ފިރިކަލުން ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ހިސާބުން އެއިރު އެމްއެފްޑީއޭގައި އަދާކުރައްވަމުން ދިޔަ ވަޒީފާއިން އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންނެވި ކަމަށާއި އެއްވެސް ލިޔުމެއްގައި ސޮއިވެސް ކުރައްވާފައިނުވާނެ ކަމަށް ވިދާޅުވިއެވެ. އެ ހިސާބުން ފެށިގެން މެނީޖިރިއަލް ހުރިހާ ކަމަކުން އެކަހެރިވެވަޑައިގެން ކުރެއްވީ ހަމައެކަނި ޓެކްނިކަލް ލެވެލްގެ މަސައްކަތްތައް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ވަރަށް ފަހުން އެކަމަނާ ތައުލީމު ހާސިލުކުރެއްވި ދާއިރާއިން ގްރުޖުއޭޓްވި ތިން މީހަކު އެމްއެފްޑީއޭގައި މަސައްކަތްކުރަން ފަށައިފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެމްއެމްއެފްޑީއަށް ބޭނުންވާ ވަރަށް ޓެކްނިކަލް މީހުން ނެތް ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
"އޭޒް އަ މެންޓާ އަޅުގަނޑުގެ ސަޕޯޓު ބޭނުންވާނެ އެ ބޭފުޅުންނަށް. ވީ ކޭން ބިލްޑް ދޯސް ޗިލްޑްރެންސް،" ސާޖިދާ ވިދާޅުވިއެވެ.
އެމްއެފްޑީއޭގައި މަސައްކަތްކުރައްވަން ބޭނުންފުޅުވަނީ އެގޮތަށް ކަމަށާއި އެއީ 24 ގަޑިއިރުގެ މަސައްކަތެއް ނޫން ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އެ މަސައްކަތަށް ދެތިން ގަޑިއިރު ހޭދަކޮށް، ބާކީ އޮންނަ ވަގުތުތަކުގައި އިޖުތިމާއީ މަސައްކަތްތައް ކުރެއްވޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"މުސާރައަށް މިސާލަކަށް އެބޭފުޅުން ދޭން މަޖުބޫރުވެގެން ދޭން ޖެހިއްޖެއްޔާ، އަޅުގަނޑު ބޭނުންވާނީ އެ އެއްޗެއް ހަމަ ޑޮނޭޓް ކުރަން،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.
އެ ފައިސާ ހަދިޔާ ކުރައްވަން ބޭނުންފުޅުވަނީ ހެލްތު މިނިސްޓްރީގެ ކޮންމެވެސް މަސައްކަތަކަށް ކަމަށާއި އެކަމަނާ އެ ފައިސާ ބޭނުން ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ފަސްޓް ލޭޑީގެ ގޮތުގައި ދައުލަތުން ދޭ އެލެވަންސް ލިބޭހާ ހިނދަކު ސަރުކާރުގެ އެހެން އިދާރާއަކުން ދޭ ފައިސާ ބޭނުން ނުކުރައްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާއަށް ވަޒީފާ ދިނުމަށްޓަކައި ސިވިލް ސާވިސްގެ އުސޫލުތައް ބަދަލުކުރަން ނުޖެހޭނެ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އުސޫލުން ބޭރުން އެއްވެސް ކަމެއް އެކަމަނާ ބޭނުންފުޅުނުވާ ކަމަށާއި ދުވަހަކުވެސް އުސޫލުން ބޭރުން އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އަދި ސީއެސްސީން އުސޫލުގައި ނެތް ގޮތަކަށް އެކަމަނާއަށް ފުރުސަތު ދެއްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު