ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ގަޑިއަކަށް 75 ރުފިޔާގެ މަގުން ކޮންޓްރެކްޓް އުސޫލުން ފަންނީ ލަފާ ދެއްވުމަށް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ސާޖިދާ ސިވިލް ސާވިސްގައި އަދާ އަދާކުރައްވަމުން ގެންދެވި މަގާމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުކަމުގެ މަގާމެވެ.

ސިވިލް ސާވިސް ވަޒީފާގައި މި ދައުރު ނިމެންދެން ހުންނަވަން ބޭނުންފުޅުވާތީ ކޮންޓްރެެކްޓެއް ދިނުމުގެ މަސައްކަތް ސީއެސްސީން ފަށާފައިވާ މައްސަލައާ ގުޅިގެން ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާތީ، އެ ކޮމިޝަންގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްގެ މިއަދު ކުރިއަށްގެންދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށްވާތީ ގާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ މުސާރައިގެ ތިންބައިކުޅަ އެއްބައި ނުވަތަ 33،000 ރުފިޔާ ސާޖިދާއަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެހެންކަމުން ސިވިލް ސާވިސް މުވައްޒަފެއްގެ މުސާއަށްވުރެ ބޮޑު މުސާރަ ސާޖިދާއަށް ލިބެމުންދާއިރު، އެ މައްސަލައިގައި ސީއެސްސީން ކަންތައް ކުރި ގޮތުގެ މައުލޫމާތު ކޮމިޓީއާ ހިއްސާކޮށްދިނުމަަށް ރޮޒައިނާ އެދިވަޑައިގެންނެވިއެވެ.

އެ މައުލޫމާތު ކޮމިޓީއާ ހިއްސާކުރައްވަމުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، މިއީ ސިވިލް ސާވިސް މުވައްޒަފެއްގެ ފިރިކަލަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ކުރިންވެސް މަސައްކަތް ކުރައްވަމުން ގެންދެވި ގޮތަށް ސިވިލް ސާވިސްގައި ހުންނަވަން ބޭނުންފުޅުވާކަން ކުރިންވެސް ސާޖިދާ ހާމަކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ގާނޫނީގޮތުން އެކަން އޮތްގޮތް ބެލި އިރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ސިވިލް ސާވިސްގެ ވަޒީފާގައި މަސައްކަތް ނުކުރެވޭނެ ކަމަށް ރާއްޖޭގައި މިހާރު ހުރި އެއްވެސް ގާނޫނަކުން މަނާ ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޮންޓްރެކްޓް އުސޫލުން ހިދުމަތް ކުރެއްވުމަށް ސާޖިދާ ނިންމެވީ، އަދާކުރައްވަމުން ގެންދެވި ވަޒީފާ އެގޮތުގައި ކުރިއަށްގެންދެވުމަށް ދަތިތަކެއް ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ.

"ފަހުން ހެލްތް މިނިސްޓްރީން އަޅުގަނޑުމެންނަށް ރިކުއެސްޓް އައިސްފަ މި އޮތީ، ފަސްޓް ލޭޑީ ރިކުއެއްސްޓް ކުރައްވައިފަ އެބަ އޮތޭ ރައީސްގެ އަނބިކަނބަލުންގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ޒިންމާތަކެއް ހުރުމާއެކު ފުލްޓައިމްކޮށް އެ ވަަޒީފާގައި މަސައްކަތް ކުރެއްވުމަށް ދަތިފުޅުވެއޭ، އެހެން ނަމަވެސް ތިމަން ކަމަނާ ބޭނުންފުުޅުވެއޭ ސިވިލް ސާވިސްއަށް ކޮންމެސް ކަހަލަ ކޮންޓްރިބިއުޝަނެއް ދެއްވަން، އެހެންވީމާ އެ ކަހަލަ ލުއިތަކެއް ދެވިދާނެތޯ ނޫންތޯ،" ނާސިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސީއެސްސީގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ދާއިމީ މުވައްޒަފެއްގެ ގޮތުގައި ހުންނަ ފަރާތަކަށް ލުއިދިނުމަށް ގާނޫނު ތަން ނުދޭ ކަމަށާއި ނަމަވެސް މުސާރަ ނުލިބޭ ގޮތަށް ދާއިމީ ވަޒީފާއިން ވީއްލުމަށްފަހު ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެވޭ ގޮތަށް ގަވާއިދު ތަންދޭ ކަމަށް ދެންނެވި ކަމަށެވެ.

އެހެންކަމުން ސާޖިދާ އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ފަސް އަހަރު ދުވަހުގެ ނޯޕޭލީވް އެއް ނެންގެވުމަށް އެދިވަޑައިގެންނެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކަމާ ގުޅިގެން ސިވިލް ސާވިސް މުވައްޒަފަކަށް ނޯޕޭލީވްއެއް ނެގޭނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ. އަދި ހިދުމަތްކުރަން ބޭނުންފުޅުވަނީ މުސާރަ ނުނަންގަވާ ގޮތަށް ކަމަށް ވިދާޅުވި ނަމަވެސް ސިވިލް ސާވިސްގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އެގޮތަށް ހިދުމަތްކުރާ ފަރާތަކަށްވެސް އުޖޫރައެއް ހަމަޖައްސަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ވޭޖް އެމްޕްލޯއިމެންޓެއްގެ ގޮތުގައި އެގްރީމެންޓް ހެދީ ސާޖިދާއަކީ ގިނަ ދުވަސްތަކެއްގައި އެ ދާއިރާގައި މަަސައްކަތް ކުރެއްވި ބޭފުޅަކަށްވުމުން، އޭނާގެ ހިދުމަތް ބޭނުންވާ ކަމަށް ހެލްތް މިނިސްޓްރީން އެދުމުގެ މަތިން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ސާޖިދާ އާއެކު ކޮންޓްރެކްޓް ހަދާފައިވަނީ، ކަމާބެހޭ ކަންތައްތަކުގައި ފަންނީ ލަފާ ދެއްވުމުގެ އިތުރުން ޓެކްނިކަލް ދާއިރާއާއި މުވައްޒަފުންގެ ތަމްރީނުކުރުމާއި ގަވާއިދުތަކާއި އުސޫލުތައް ހެދުމުގެ ލަފާ ދެއްވުމަށް ކަމަށްވެސް ނާސިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކޮންޓްރެކްޓް ހަދާފައިވަނީ މަހަކު 40 ގަޑިއިރުގެ ހިދުމަތް ލިބޭ ގޮތަށް، އުޖޫރައެއްގެ ގޮތުގައި ގަޑިއަކު 75 ރުފިޔާގެ އުޖޫރައެއް ކަނޑައަޅައިގެން ކަމަށެވެ. އަދި އެއީ ފަސްޓް ލޭޑީއަކަށްވުމުން ސާޖިދާއަށް ހަމަޖެއްސި ހާއްސަ އުސޫލެއް ނޫން ކަމަށާއި އެ އުސޫލުގެ ދަށުން މީގެ ކުރިންވެސް ގިނަ މިނިސްޓްރީތަކަށް އެކި މީހުން ހިދުމަތް ކޮށްދީފައިވާ ކަމަށާއި މިހާރުވެސް ހިދުމަތް ކޮށްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ބަލިވުމާއި ދަތި ކަންކަން ދިމާވެގެން ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން އެފަދައިން ލުއި ދިނުމަށް އެދި ހުށަހަޅައިގެން ލުއި ދީފައިނުވާ މައްސަލަތަކާއި ފަސްޓް ލޭޑީއަކަށް އެގޮތަށް މަސައްކަތް ކުރަން ފަހިކުރުމުން، އުފެދޭނެ ކޮންފްލިކްޓްތަކާއި ފޯރުއްވަފާނެ ނުފޫޒުތަކާ ގުޅޭ ގޮތުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސީއެސްސީއަށް ބައެއް މެންބަރުން ވަނީ ސުވާލު ކުރައްވައިފައެވެ.